ޚަބަރު

ޝާހިދުގެ ވަޢުދުތައް ފުއްދަން އެއްބާރުލުން ލިބޭނެ - ރައީސް


އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ވަޢުދުތައް ފުއްދުމަށްޓަކައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ އެމަނިކުފާނުގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކުގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ. ދެބޭފުޅުން ޑައިސްއަށް އަރައިވަޑައިގަތުމުން ވަނީ ދިވެހި ޤައުމީ ސަލާމް ކުޅެފައެވެ. އެއަށްފަހު ޢަބްދުﷲ ޝަހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި ދެބޭފުޅުންގެ މެދުގައި މަޝްވަރާތައް ބޭއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢަބްދުﷲ ޝާހިދަށް މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ ރިޔާސަތުގައި އދ.އަށް ފާގަތިކަމާއި ކުރިއެރުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ ޢަބްދުﷲ ޝާހިދަށް ލިބިވަޑައިގެންފައިވާ ފުރުޞަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިއްޕެވުމަށާއި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމާ ގުޅޭގޮތުންނާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުދި ޤައުމުތަކާގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާވަނީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ޤާނޫނުތަކާއި ސިޔާސަތުތައް ކަނޑައަޅާފައިވީ ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މެނުވީ މިކަންތައްތަކުން އަރައިނުގަނެވޭނެކަން ހާމަކުރައްވައި، އެކަމުގައި އެހީތެރިކަން ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، އެމަނިކުފާނު ވަނީ ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކުން މޫސުމީ ބަދަލުތަކާ ގުޅޭ ސިޔާސަތުތަކަށް ތާއީދު ހޯދުން މުހިންމުކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ވަޢުދުތައް ފުއްދުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ބައްދަލުވުމުގެ ރައީސްކަން ރާއްޖެއަށް ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ފުރިހަމަ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ލިބިގެންދިޔަ ފަޚުރެއްކަން ފާހަގަކުރެއްވިއެވެ. އަދި އެމަކުގެ ހުރިހާ ޝުކުރެއް ޙައްޤުވަނީ އެމަނިކުފާނަށް ކަމުގައި ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދު ވަނީ އދ.ގެ ޢާންމު މަޖިލީހުގައި އެމަނިކުފާނު ގެންގުޅުއްވާ އުންމީދީ ރިޔާސަތުގެ 5 ދޯދީގެ ތަސައްވުރަކީ ރާއްޖެކަމުގައި ހާމަކުރައްވައި، އެމަނިކުފާނުގެ ހުރިހާ މަސައްކަތެއް ބައްޓަންކުރައްވާފައި ވަނީ ރާއްޖޭގެ ރިޔާސަތުގައި އދ.އަށް އެދެވޭ ބަދަލުތަކެއް ގެނައުމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ކުރިއެރުވުމަށްކަމަށް ވިދާޅުވެފައެވެ.