ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ޝާހިދަށް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ. އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ މިދަތުރު ފުޅުގައި މިއަދު އިސްކަންދަރު ސްކޫލުގެ ދަރިވަރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މުހިންމު އެހެން ބައްދަލުވުންތަކެއްވެސް މިއަދަށް ވަނީ ތާވަލްކޮށްފައެވެ. މިދަތުރުފުޅަކީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި އެމަނިކުފާނު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެއެވެ. އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ސެޝަނުގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަމުން ދިޔުމަކީ ރާއްޖެ އދ.ގައި ބައިވެރިވުމަށްފަހު ފާއިތުވި މާޒީގައި ޚާރިޖީ ދާއިރާއިން ރާއްޖެއަށް ލިބުނު އެންމެބޮޑު ކުރިއެރުމެކެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަމުގެ ހުވާކުރައްވައި ޢާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރިޔާސަތާ ޙަވާލުވެވަޑައިގެންފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ. މިނިސްޓަރ ޝާހިދު ރިޔާސަތުގައި އިންނަވައިގެން ބޭއްވި އާންމު މަޖިލީހުގެ 76ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޤްރީރު ކުރައްވާފައިވަނީ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އދ.ގެ ޢާންމު މަޖިލީހުގެ 76ވަނަ ބައްދަލުވުމުގެ ހަވާސާގައި ޝާހިދާ ބައްދަލުރައްވައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.