ޚަބަރު

އިންތިޚާބަކާއި ނުލައި އެމްއެންޕީގެ ރައީސްކަމަށް ނާޒިމް ހޮވިއްޖެ


އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސްކަމަށް އިންތިޚާބަކާއި ނުލައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހޮވިއްޖެއެވެ.

ނާޒިމް މިމަޤާމަށް ހޮވުނީ އޭނާ ފިޔަވައި އެހެން އެއްވެސް ބޭފުޅަކު މިމަޤާމަށް ކުރިމަތި ނުލުމުންނެވެ. ހުކުރު ދުވަހު ބާއްވާ އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާގައި އެކި މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނެވެ. އެމްއެންޕީން 6 ނާއިބް ރައީސުން އިންތިޚާބު ކުރާއިރު، އޭގެ ތެރެއިން 4 ނާއިބް ރައީސުން ވަނީ ވޯޓަކާއި ނުލައި ހޮވިފައެވެ.

އިންތިޚާބަކާއި ނުލައި ހޮވުނު 4 ނާއިބް ރައީސުންނަކީ އަހުމަދު ޝަރީފް، އަބްދުﷲ ރިޔާޒު، އަހުމަދު އުޝާމް އަދި ހުސެއިން އިސްމާއީލްއެވެ. ނާއިބް ރައީސުންގެ ތެރެއިން އިންތިޚާބު ބާއްވަން ޖެހޭ ދެ ދާއިރާއަކީ، އަޕަރ ނޯތު ރީޖަންއާއި، އަންހެން ބޭފުޅުންގެ ތެރެއިން ނާއިބް ރައީސްކަމަށް އިންތިޚާބު ކުރާ ބޭފުޅަކު ހޮވުމަށެވެ. އަޕަރ ނޯތު ރީޖަނަށް ވާދަކުރައްވާ ތިން ބޭފުޅުންނަކީ، ޝިދާތާ ޝަރީފްއާއި، މުހައްމަދު ސައީދުގެ އިތުރުން އަހުމަދު އަނޫޝް އެވެ. ނާއިބް ރައީސްކަމށް ވާދަ ކުރައްވާ އަންހެން ދެބޭފުޅުންނަކީ، މިރުފަތު އިސްމާއީލް ފާއިޒު އާއި، އައިޝަތު ހުސެއިން މަނިކު އެވެ.

އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް 3 ބޭފުޅަކު ކުރިމަތި ލާފައިވެއެވެ. އެއީ ދުންޔާ މައުމޫންއާއި، އައިޝަތު އަބްދުﷲ ގެ އިތުރުން އައިޝަތު ހުސެއިން މަނިކުއެވެ. ޒުވާނުންގެ ގޮފީގެ ރައީސްކަމަށްވެސް 3 ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ އިރުފާން އަބްދުﷲ އާއި، އުމަރު އަހުމަދު އިތުރުން މުހައްމަދު އިސަމް އަބްދުﷲ އިބްރާހިމްއެވެ.

އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި ވަނީ އަންހެނުންނަށް ޚާއްސަކޮށްފައެވެ. ކައުންސިލަށް ފިރިހެނުންގެ ތެރެއިން 26 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. އަންހެން ބޭފުޅުންގެ ތެރެއިން ކުރިމަތި ލާފައިވަނީ 11 ބޭފުޅުންނެވެ.