ޓުއަރިޒަމް

ޔޫރަޕުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތް ކުރަނީ


ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އަންނަ އަހަރު ޚާއްސަ ކަންތައްތަކެއް ކުރައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި ޒަމާނުއްސުރެ ބޮޑު ހިއްސާއެއް އޮންނަ ޔޫރަޕްގެ މާކެޓް އިތުރަށް ވަރުގަދަކުރުމަށް ޓުއަރިޒަމް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު  ވިދާޅުވީ ރާއްޖެ އަށް ޓޫރިސްޓުން އަންނަ ސަރަހައްދުތަކުގެ ތެރެއިން ޔޫރަޕްގެ މާކެޓަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި އަންނަ އަހަރު ފާހަގަ ކުރުމަށްޓަކައި 50 ވަރަކަށް ހަރަކާތް ރާއްވަވާފައިވާ ކަން ޒަމީރު ފާހަގަ ކުރެއްވިއެވެ.ރާއްޖެއަށް އަންނަ ފަތުވެރިންގެ އޮކިއުޕެންސީ މިދުވަސްކޮޅު ދަށްވެގެން އުޅެނީ ޔޫރަޕާ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ޖެނުއަރީން އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ %41 ހިއްސާކޮށްފައިވަނީ ޔޫރަޕްގެ ފަތުރުވެރިންނެވެ. ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންެމެ ގިނައިން ފަތުވެރިން ރާއްޖެއަށް އައިސްފައިވަނީ އިނގިރޭސި ވިލާތުންނެވެ. އޮކްޓޫބަރުގެ ނިޔަލަށް 76 ހާހަށް ވުރެ ގިނަ ފަތުރުވެރިން އިނގިރޭސިވިލާތުން ރާއްޖެއަށް އައިސްފައިވެއެވެ.