ޓެކްނޮލޮޖީ

ކުރިއަށްއޮތް 2 އަހަރު ތެރޭ ޑިޖިޓަލް އައިޑީ ކާޑު ތަޢާރަފުކުރެވޭނެ: މިނިސްޓަރ ޝައުނާ


ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފުކުރެވޭނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިިހެން ވިދާޅުވީ، ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް އެން.ސީ.އައި.ޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވަނީ ކުރިއަށް އޮތް 2 އަހަރަށް ސަރުކާރުގެ ޑިޖިޓަލް ޑިވެލޮޕްމަންޓްގެ ތަޞައްވަރާއި، ޙާޞިލުކުރަން ބޭނުންވާ ކަންކަމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ކުރުމަށް ރާވާފައިވާ މުހިއްމު ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، ޓެކްނޮލިޖީއަކީ މިއަދު ދިރިއުޅުމުގެ ހުރިހާކަމަކާވެސް ގުޅި ލާމެހިފައިވާ އެއްޗެއްކަމަށެވެ. އަދި ޓެކްނޮލޮޖީ ފަހާ ދުވުމުގެ ބަދަލުގައި ސަރުކާރުގެ އަމާޒަކީ ޓެކްނޮލޮޖީގެ ބޭނުން ހިފާ، މި ޖަޒީރާ ރާއްޖޭގެ ތަރައްޤީއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް ސަރުކާރުން ދެމުންދާ ޚިދުމަތްތައް ޒަމާނާއި އެކަށީގެންވާގޮތަކަށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ބައްޓަންކޮށް ޑިޖިޓަލް އިޤްތިޞާދަކާ ދިމާލަކަށް ގެންދިއުމަށްޓަކާ އެން.ސީ.އައި.ޓީ ގަވަރމަންޓް ޑިޖިޓަލް ސަރވިސްގެގޮތުގައި ޓްރާންސްފޯމްކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ޤައުމީ އިދާރާކަމަށްވާ އެން.ސީ.އައި.ޓީން ވަކި ޚިދުމަތެއްގެ ގޮތުގައި ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށާއި، އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި މިނިސްޓްރީން ފަށާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެން.ސީ.އައި.ޓީން ބޭނުންކުރަމުންދާ ޓެކްނޮލޮޖީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ގަވަރމަންޓް ޕްރައިވެޓް ކްލައުޑެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ. ޑިޖިޓަލް ޓްރާންސްފޮމޭޝަން ލީޑްކުރަން އުފައްދާ މި ޚިދުމަތަކީ ހަލުވި ސްޕީޑެއްގައި ރާއްޖޭގެ އިޤްތިޞާދާއި މުޖުތަމަޢު ޑިޖިޓަލްކޮށް ރާއްޖޭގައި ދިރިއުޅޭ އެންމެންނަށްވެސް ގިނަގުނަ މަންފާއާއި އަދި ފުރުޞަތުތަކެއް ފަހިވެގެންދާނެކަމެއް. ގަވަރމަންޓް ޑިޖިޓަލް ސަރވިސް ބިނާކުރުމަށްޓަކާ އެން.ސީ.އައި.ޓީގައި މިހާރު ޕްރޮޖެކްޓު މެނޭޖްމަންޓް ޔުނިޓް އެކުލަވާލެވި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދަން ވަނީ ފަށާފައި" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ޓެކްނޮލޮޖީ މިނިސްޓަރ ޝައުނާ ވިދާޅުވީ، މި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑީގެ ނިޒާމެއް ކުރިއަށްއޮތް ދެ އަހަރުގެ ތެރޭގައި ޤާއިމުކުރެވިގެންދާނެކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުގައި މިހާރު ބޭނުންކުރާ އީ-ފާސް އިތުރަށް ފުރިހަމަކޮށް އީ-ފާސްއަކީ ރައްޔިތުންނަށް ރައްކާތެރި އަދި ޑިޖިޓަލް ކޮންމެ ޚިދުމަތެއްގައިވެސް ބޭނުންކުރެވޭނެ ނިޒާމަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ޑިޖިޓިލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކާއެކު ޞިއްޙީ ޚިދުމަތް ހޯދުމާއި، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން މިހާރަށްވުރެ އެތައް ގުނައެއް ހަރުދަނާކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި ދެންނެވި ޑިޖިޓަލް ލެޖިސްލޭޓިވް އެޖެންޑާ، ޑިޖިޓަލް އައިޑީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން ލީޑްކުރުމަށްޓަކާ ގަވަރމަންޓް ޑިޖިޓަލް ސަރވިސް ތަޢާރަފުކުރެވި، ގަވަރމަންޓް ޓެކްނޮލޮޖީ ސްޓެކެއް އަދި އޯޕަން ގަވަރމަންޓް ޑޭޓާގެ ޚިދުމަތް ތަޢާރަފުވެގެންދިއުމަކީ މި ޤައުމުގެ ޒުވާނުން އެދެމުންދާ ޑިޖިޓަލް ތަރައްޤީއަށް ވާޞިލުވުމަށް އެޅޭނެ އެންމެ މުހިއްމު ބިންގާކަން އަޅުގަނޑު ފާހަގަކޮށްލާނަން" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

ޑިޖިޓަލް މުޖުތަމަޢުއަކަށް ބޭނުންވާނެ ޤާނޫނީ އޮނިގަނޑެއް އޮތުމަކީވެސް ވަރަށް މުހިއްމުކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ، އިލެކްޓްރޯނިކްކޮށް ކުރާ މުޢާމަލާތްތަކާއި ކަރުދާހުގައި ކުރާ މުޢާމަލާތް ހަމަހަމަކޮށް އިލެކްޓްރޯނިކް ސޮއި އާއި އިލެކްޓްރޯނިކް ކޮންޓްރެކްޓްތަކަށް ޤާނޫނީ ހައިސިއްޔަތު ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތު ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީ ބިލެއް ފަރުމާކުރަމުންދާކަމަށާއި، ސައިބަރ ކްރައިމްއާއި ސައިބަރ ސެކިއުރިޓީއާގުޅޭ ބިލެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.