ޚަބަރު

ފަނޑިޔާރުން ހުކުމް ކުރަންވާނީ އެއްވެސް ރައްޔިތެއްގެ ހައްޤަކަށް އުނިކަން ނާންނާނެ ގޮތަކަށް


ކޯޓުތަކުގެ ފަނޑިޔާރުން ހުކުމްކުރާއިރު، ކުރާހުކުމަކީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އެއްވެސް ރައްޔިތެއްގެ ހައްޤަކަށް އުނިކަން ނާންނާނެހެން ކުރާ ހުކުމަކަށް ވާންޖެހޭކަމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުޘްތާޒު އަހްމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުން ހުވާކުރުމަށް އިއްޔެ ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ ރާއްޖޭގެ އަދުލުވެރިކަމާއި އިންސާފު ގާއިމްކުރުގެ އެންމެ މަތީ ޒިންމާ އޮތް ފަރާތްތައްކަމަށެވެ. އަދި ފަނޑިޔާރުންނަކީ ކޯޓުން ބޭރުގައިވެސް އިސްލަމީ އުސޫލު ހިފަހައްޓައި، ޤާނޫނު އަސާސީއާއި ޤާނޫނަށް ފުރިހަމައަށް ބޯލައި އިހުތިރާމް ކުރަންޖެހޭނޭ ބައެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ކޯޓުތަކުން ކުރާ ހުކުމަކީ އޭގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނާނޭގޮތަކަށް ކުރެވޭ ހުކުމަކަށް ވެގެން ނުވާނެކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަކީ އަމިއްލަ ދިރިއުޅުމުގައިވެސް ރީތި އަޚުލާގައި، އިސްލާމީ އަދަބުތަކަށް އިޚުތިމާރް ކުރަންޖެހޭ ބައެއްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"އަދުލުއިންސާފު ޤާއިމްކުރުމުގެ ޒިންމާއަކީ ބޯމަތރީގައި އޮތް އުޑުގެ ބަރުދަނަށް ވުރެ ބަރު މިން ކުޑަވާނެ އެއްޗެކޭ އަޅުގަނޑު ނުދައްނަވާނަން. ތެދުވެރިވާންޖެހޭނެ. ދެހަސްމުން ދޭތެރޭގައި ތަފާތުވުމެއް އޮވެގެން ނުވާނެ. ހަސްމުންނަށްވެސް ޝަރީއަތުގެ މަޖިލިސް އަޑުއަހާ މީހުންނަށްވެސް އަދި އަޅުގަނޑުމެންގެ ހުކުމް ކިޔާ މީހުންނަށްވެސް އެކަން އެގެން ޖެހޭނެ." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ވިދާޅުވީ ފަނޑިޔާރުގެ މިނިވަން ކުރުމަށްޓަކައި 2008 ވަނަ އަހަރުން ފެށިގެން ގޮންޖެހުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އަދި މިއަދާއި ހަމައަށް މިނިވަން ޖުޑީޝަރީއެއް ހޯދުމަށް ކުރެވުނު މަސައްކަތުން ވަރަށް ގިނަ ކާމިޔާބީތަކެއް މިއަދު ހާސިލް ކުރެވިފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީން މިއަދު އެންމެ ބޮޑު ސަމާލުކަމެއްދެނީ ފަނޑިޔާރުގެއަކީ ރައްޔިތުން އިޚުތިރާމް ކުރާތަނަށް ހެދުމަށްކަމަށާއި އެކަން މިއަދު ހަގީގަތަކަށް ވަމުންދާކަމަށެވެ.

"ފަނޑިޔާރުގެ މިއަދު ބަދަލުވެއްޖެ. މިބަދަލުއައީ ބޭރުން ބަޔަކު ކުރި މަސައްކަތަކުން ނޫން. ހަގީގަތުގައި ފަނޑިޔާރުގެއަށް ރައްޔިތުން ކުރާ އިތުބާރާއި، ރައްޔިތުންގެ އުންމީދާއި އެއްގޮތަށް ފަނޑިޔާރުގެ ބަދަލުވެގެން އައީ ފަނޑިޔާރުންގެ ބުރަ މަސައްކަތުން." ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ފަނޑިޔާރުންގެ ކަންކަން ހަރުދަނާކޮށް، ޒަމާނީ ފަނޑިޔާރުގެއަށް ތަރޯ ބަޔަކަށް ފަނޑިޔާރުން ހެދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ފަޑިޔާރުގޭގެ އިތުބާރަކީ ފަނޑިޔާރުގެ ސުލޫކާއި، ގާބިލްކަން އިތުރު ކުރުމަށް މިއަހަރުގެ މިހާތާނަށް 14 ޓްރެނިންއެއް ގެންދެވިފައިވާކަމަށާއި، އަދި މިއަހަރުގެ އިތުރު 30 ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާކަމަށްވެސް ހިސާން ވިދާޅުވިއެވެ.