ޚަބަރު

އެކްސިޑެންޓުގައި ނިޔާވި އަންހެން މީހާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ


  • ނިޔާވީ ށ. ފޯކައިދޫ މަގުމަތީގެ އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާ

  • މި އެކްސިޑެންޓުގައި އަނިޔާވި އިތުރު 2 މީހަކަށް ދަނީ ފަރުވާދެމުން

މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ދިވެހި އަންހެން މީހާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސޯސަން މަގުގައި ހިނގި މި ނުރައްކާތެރި އެކްސިޓެންޑުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ށ. ފޯކައިދޫ މަގުމަތީގެ އުމުރުން 26 އަހަރުގެ ޢާއިޝަތު މާހިދާއެވެ. އޭނާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ނުރައްކާތެރި އެކްސިޑެންޓެއްގައި ވީ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ ޢާއިލާއަށާއި، އެ އިދާރާގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާފައެވެ.

މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުންއެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.


މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ޖުމްލަ 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން ނިޔާވި 26 އަހަރުގެ އަންހެން މީހާއެވެ.

އަނިޔާވި ދެ ފިރިހެނުންނަށް މިހާރުވެސް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ފިރިހެން މީހާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށެވެ.