ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފުރަތަމަ ޤައުމީ ޖަލްސާގައި 16 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. (އެމްއާރުއެމް)ގެ ފުރަތަމަ ޤައުމީ ޖަލްސާ އަންނަ އޮކްޓޫބަރު މަހުގެ 2ގައި ބާއްވަން އެޕާޓީންވަނީ ނިންމާފައެވެ.
އެމްއާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭނީ ޕާޓީގެ ޒައީމްގެ މަޤާމަށާއި، ޕާޓީގެ ރައީސްގެ މަޤާމަށް ހުޅުވާލުމެވެ. ޒައީމްގެ މަޤާމަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް އުފައްދާފައިނުވާ މަޤާމެއްކަން ފާހަގަކޮށްލެވެއެވެ.
އެމްއެމާރުއެމްއިން ހުޅުވާލާފައިވާ މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ނާއިބް ރައީސްގެ މަޤާމަށް އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މީގެ އިތުރުން އެގްޒެކްޓިވް ކޮމެޓީގެ މެންބަރު ކަމަށް 20 ބޭފުޅުން އިންތިޚާބު ކުރާނެ އެވެ. އެއީ 10 ފިރިހެނުންނާއި 10 އަންހެނުންނެވެ. ދެން ހުޅުވާލާފައި އޮތީ ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ޒުވާނުންގެ ކައުންސިލްގެ ނާއިބު ރައީސް ކަމަށާއި އެ ކައުންސިލަށް އިތުރު 30 މެންބަރުންނެވެ. އެއީ 15 ފިރިހެނުންނާއި 15 އަންހެނުންނެވެ. އަދި އަންހެނުންގެ ކައުންސިލްގެ ރައީސް ކަމަށާއި ނާއިބު ރައީސް ކަމަށާއި އަންހެނުންގެ ކައުންސިލަށް 20 މެންބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންތިހާބު ކޮމެޓީ އާއި ސުލޫކު ކޮމެޓީ އާއި އިސްތިއުނާފު ކޮމެޓީން ކުރެ ކޮންމެ ކޮމެޓީއަކަށް ފަސް މެންބަރުން އިންތިޚާބު ކުރާނެއެވެ.
މިމަޤާމުތަކަށް އެމްއާރުއެމްގެ އަސާސީ ޤަވާއިދުގައި ކަނޑައަޅާފައިވާ ޝަރުތު ހަމަވާ މެމްބަރުން މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ދިނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2ގައެވެ. އަދި އެޕާޓީގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ ޤައުމީ ޖަލްސާއެއް ބޭއްވެންދެންނެވެ. އެމްއާރުއެމް އިން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ ޤައުމީ ޖަލްސާ ބޭއްވުމަށް ލަސްތަކެއްވެފައިވާކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތުމުން ޤައުމީ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދޭ މުއްދަތު ހަމަވެފައިނުވާކަމަށެވެ. އެމްއާރުއެމް އިން ބުނީ އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ޤައުމީ ޖަލްސާ އޮންލައިންކޮށް ބޭއްވުމަށް ކަމަށެވެ.
އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.