މުނިފޫހިފިލުވުން

ރިޝީގެ އެންމެފަހު ފިލްމުގެ ފުރަތަމަ ލުކް ދައްކާލައިފި


އިންޑިއާގައި އެންމެ މޮޅު އެކްޓަރުންގެ ލިސްޓްގެ ކުރީކޮޅުގައި ގުނަލާވޭ މަޝްހޫރު ބޮލީވުޑް ލެޖެންޑް ރިޝީ ކަޕޫރުގެ އެންމެ ފަހު ފިލްމުގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

ރިޝީ އެންމެފަހުން މަސައްކަތްކޮށްފައިވަނީ ފަރްހާން އަހްތަރާއި ރިތޭޝް އެކްސެލް އެންޓަޓެއިންމަންޓުން އުފައްދަމުންދިޔަ "ޝަރުމާޖީ ނަމްކީންސް" އެވެ. އެހެންނަމަވެސް ކެންސަރަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މިދިޔަ އަހަރުގެ އޭޕްރިލް 30 ގައި ރިޝީ މަރުވެފައިވަނީ ފިލްމުގެ މަސައްކަތް އެއްކޮށް މުޅިން ނުނިމެނީހެވެ.

ރިޝީގެ އުފަންދުވަހާއި ދިމާކޮށް އެކްސެލުން މިވަނީ މި ފިލްމުގެ ފަސްޓްލުކް ރިޝީގެ ފޭނުންނަށް ދޫކޮށްލާފައެވެ. މި ފިލްމުގައި ރިޝީއަށް ފުރިހަމަ ނުކުރެވުނު ބައި އޭނާގެ ބަދަލުގައި ކުޅެދީފައިވަނީ ޕަރޭޝް ރަވޭލްއެވެ. ރިޝީ ފިލްމުގައި ފެންނާނެ ގޮތުގެ ޕޯސްޓަރާއި އެކު ޕަރޭޝްވެސް ފެންނާނެ ގޮތް އެކްސެލުން ވަނީ ދައްކާލާފައެވެ. މި ފިލްމުގައި ޖޫހީވެސް މުހިއްމު ރޯލެއް އަދާކުރެއެވެ.

ރިޝީ އާއި ޕަރޭޝްވެސް ފެންނަ ޕޯސްޓަރު ދައްކާލުމަށްފަހު އެކްސެލުން ބުނީ ރިޝީގެ ފަހު ފިލްމު ގެނެސްދޭވޭތީ ފަޚްރުވެރިވާކަމަށެވެ. އަދި މިއީ ރިޝީގެ މިލިއަނުން ގުނާލެވޭ ފޭނުންނަށް ދޫކޮށްލާ ހަދިޔާއެއްކަމަށްވެސް އެކްސެލުން ވަނީ ބުނެއެވެ. ރިޝީގެ ބަދަލުގައި ޕަރޭޝް މި ފިލްމު ނިންމާލަދީފައިވާތީ ޕަރޭޝްއަށް އެކްސެލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެކްސެލް އެންޓަރޓެއިންމަންޓާއި މެކްގަފިން ޕިކްޗާރސްއިން ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ހިތޭޝް ބާޓިއާއެވެ. މި ފިލްމު އުފައްދާފައިވަނީ ސާދާ މިޒާޖެއްގެވެރި 60 އަހަރުގެ ދުވަސްވީ މީހަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށެވެ.

ބޮލީވުޑްގެ ސުޕަރސްޓަރ ބިގް ބީ ނުވަތަ އަމީތާބާއި އެކު ގިނަ ފިލްތަކުން ފެނިގެންގޮސްފައިވާ ރީޝީ ވަނީ ކާމިޔާބު އެތައް ފިލްތަކެއް ބޮލީވުޑްގެ ސްކްރީންނަށް ދޫކޮށްލާފައެވެ. ރިޝީ ކަޕޫރް ގިނަ ބަޔަކަށް ފާހަގަވެގެން އައީ އެނާ އެންމެ ފުރަތަމަ ލީޑް ރޯލުން ފެނިގެންދިޔަ "ބޮބީ" އިންނެވެ. 1973 ގައި ނުކުތް މި ފިލްމުން އެނާއަށް އެ އަހަރުގެ ބެސްޓް އެކްޓަރގެ ފިލްމް ފެއަރ އެވޯޑް ލިބިފައިވެއެވެ. އެހެންނަމަވެސް 2017 ވަނަ އަހަރު ނުކުތް ރިޝީގެ ބައޮގްރަފީގައި އޭނާ ބުނެފައިވަނީ އެފަހަރުގެ އެވޯޑް އޭނާއަށް ލިބުނީ ގަނެ އެކަމަށް ފައިސާ ދައްކައިގެން ކަމަށެވެ.