ޔޫކްރެއިންގެ ސަރުކާރާ ގުޅުން ހުރި އެކި
ދާއިރާތަކުގައި މިހާރު ހިނގަމުންދާ ކޮރަޕްޝަންގެ ޢަމަލުތަކަށް ހުއްޓުމެއް ގެންނަން
ޖެހޭ ކަމަށް އެމެރިކާގެ ނަޢިބު ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ޔޫކްރެއިންއަށް ވަޑައިގެން އެގައުމުގެ ބޮޑު ވަޒީރު އަރްސޭނީ
ޝެޓްސިއުނިކްއާ ބައްދަލުކުރައްވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ
ނަޢިބު ރައީސް ބައިޑަން ވިދާޅުވީ، ޑިމޮކްރެޓިކް
ވެރިކަމެއް އެންމެ ފުރިހަމަ ގޮތުގައި އެކުލަވާލުމަށް ޔޫކްރެއިންއަށް ދެވަނަ ފުރުސަތެއް
ލިބިފައިވާ ކަމަށާ ކޮރަޕްޝަންގެ ސަބަބުން މި ފުރުސަތު ގެއްލިގެން ދިޔަ ދީގެން
ނުވާނެ ކަމަށެވެ.
އަދި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް
އަދަބެއް ނުލިބުމުގެ ސަޤާފަތަކީ ޔޫކްރެއިންގައި ޒަމާނުއްސުރެ އޮންނަ ސަޤާފަތެއް
ކަމަށާ މިކަން ބަދަލުކުރަން ޖެހޭ ކަމަށް ވެސް ބައިޑަން ވިދާޅުވިއެވެ.
އެމެރިކާގެ ނަޢިބު ރައީސް ޔޫކްރެއިންއަށް ކުރައްވާ
ދަތުރުގައި ވަނީ އެގައުމަށް 190 މިލިއަން ޑޮލަރުގެ އެހީ ދޭނެކަން
އިއުލާނުކުރައްވާފައެވެ.