ޚަބަރު

ސަޢުދީގެ ކަނޑުގެ އިއްތިހާދުން އަމަލީ މައިދާނަށް ނިކުންނަނީ


ރަތްކަނޑާއި، ޢާދަން ކަނޑުއޮޅި އަދި ބާބުލްމަންދަބް ހުރަސްކޮށް ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރަށް އޮތް ފުރުޞަތުތައް އަމާންކަމާއެކު ދެމެހެއްޓުމަށްޓަކައި 41 ޤައުމެއްގެ ތާޢީދާއެކު އެކުލަވާލާފައިވާ "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ޢަމަލީ ގޮތުން ހަރަކާތްތެރިވުމާ ގާތްވެފައިވާ ކަމަށް ސަޢުދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަޢޫދީ ދިފާޢީ ވުޒާރާއިން "އެކްސް" ގައި ޢާންމުކުރި ބަޔާނެއްގައި ބުނީ، އެ އިއްތިޙާދު އެކުލަވާލުމުގެ މަރުޙަލާ ނިންމައި، ޢަމަލީ ގޮތުން ޙަރަކާތްތެރިވުމުގެ ތައްޔާރީތައް ނިންމައި، ޢަމަލީ މައިދާނަށް ނުކުތުމަށްޓަކައި ބޭއްވި ހަތަރުވަނަ ބައްދަލުވުން ބުރާސްފަތި ދުވަހު ޖިއްދާގައި ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި އެކުވެރި އަދި ކަމާގުޅޭ 41 ޤައުމެއްގެ މަންދޫބުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މަންދޫބުންވެސް ހިމެނިވަޑައިގަންނަވައެވެ.

މި ކޯލިޝަނަކީ ޢަރަބި ބައްރު ވަށައިގެންވާ ކަނޑުގެ މުހިންމު ސަރަޙައްދުތަކާއި، ޚާއްސަކޮށް ރަތްކަނޑާއި ބާބުލްމަންދަބު އަދި ޢާދަން ކަނޑުއޮޅިން އުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި މިއަހަރުގެ ޖުލައި މަހު 14 ޤައުމަކުން އެކުލަވާލި އަސްކަރީ އިއްތިޙާދެކެވެ.

ދިފާޢީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިހާރު ކުރިއަށްދަނީ ކަނޑުގެ ސަރަޙައްދުތަކުގައި ޢަމަލީ ގޮތުން ޙަރަކާތްތެރިވެ، ދިފާޢު ވަރުގަދަކުރުމަށްޓަކައި ޤައުމުތަކުގެ އަސްކަރީ ޤާބިލުކަން އެއްބަސްވި އޮނިގަނޑުގެ ތެރެއިން އެއްފަސްކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ޖިއްދާގައި ބޭއްވުނު މި ބައްދަލުވުމުގައި، އިއްތިހާދުގެ މަސައްކަތްތަކަށް ލިބިފައިވާ ކުރިއެރުންތަކާއި، ފާއިތުވި ދުވަސްތަކުގައި ހޯދުނު ކާމިޔާބީތަކުގެ އިތުރުން، އަލަށް މި އިއްތިޙާދާ ގުޅުނު ޤައުމުތަކުގެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެއިތުރުން، ގުޅިފައިވާ އަސްކަރީ އޮޕަރޭޝަންތައް ހިންގުމަށް ބޭނުންވާ ވަޞީލަތްތަކާއި، ބައިވެރިވާ ޤައުމުތަކުން ފޯރުކޮށްދޭ އަސްކަރީ ޤާބިލުކަން އިތުރަށް ހަރުދަނާކޮށް، އޮޕަރޭޝަނަލް ތައްޔާރީތައް ވަރުގަދަކުރުމަށްވެސް ވަނީ އެއްބަސްވެވިފައެވެ.

ސަޢުދީގެ ދިފާޢީ ވުޒާރާއިން މި ބައްދަލުވުން ސިފަކޮށްފައިވަނީ އިއްތިޙާދުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅުނު "ވަރަށް މުހިންމު ފިޔަވަޅެއް" ގެ ގޮތުގައެވެ. އަދި މިވަގުތު އެންމެ އިސްކަމެއް ދެމުންދަނީ ކަނޑައެޅިފައިވާ ސަރަޙައްދުތަކުގައި ރަސްމީ ޙަރަކާތްތައް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެހައި އޮޕަރޭޝަނަލް އަދި އިދާރީ އިންތިޒާމުތައް އެއް އަމާޒަކަށް ފުރިހަމަކޮށް، ނިންމުމަށް ކަމަށްވެސް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.