ކޯވިޑް ވެކްސިން ޖަހާފައި ތިބި މީހުން ބޫސްޓަރ ޑޯޒް އެއް ޖެހުމާއިމެދު ގޮތެއް ނިންމާފައިނުވާކަމަށް ހެލްތް ޕްރޮޓެކްޗަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިތިބި މީހުން ބޫސްޓަރ ޑޯޒްއެއް ޖަހަމުން އައިނަމަވެސް ރާއްޖެއިން މިކަމުގައި އަމަލުކުރާނެ ގޮތަކާއިމެދު ވަކި ގޮތެއް މިހާތަނަށް ނިންމާފައި ނުވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނީވެސް ޑޮކްޓަރުންގެ ލަފަޔާ މަޝްވަރާގެ މަތިންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިހާރުވެސް ވެކްސިން ޑޯޒްތައް ޖެހުމާ ގުޅޭ ދިރާސާތައް ކުރަމުން އަންނަކަމަށެވެ.
ވެކްސިންގެ ބޫސްޓަރ ޑޯޒް އެއް ޖެހުމަށް މިވަގުތު ވަކި ގޮތެއް ނިންމާފައިނުވިނަމަވެސް ހެލްތް މިނިސްޓަރ އަޙްމަދު ނަޞީމް މީގެ ކުރިން ވިދާޅުވެފައިވަނީ ޗައިނާއިން އުފައްދާ ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުން، އިތުރު ޑޯޒްއެއް ޖަހަން ޖެހިދާނެކަމަށެވެ. އަދި އެހެން ވެކްސިން ޖަހާފައި ތިބި މީޙުންވެސް ބޫސްޓަރ ޑޯޒްއެއް ޖަހަން ޖެހިދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ސިނޯފާމް ވެކްސިންއިން ކޮވިޑުން ދިފާއުކޮށްދޭ މިންވަރު 79 ޕަސެންޓުގައި އުޅޭ އިރު އެސްޓްރާޒެނެކާގެ ވެކްސިން އާއި އޭގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާއިން ތައްޔާރު ކުރާ ކޮވިޝީލްޑްއިން ކޮވިޑުން ރައްކާތެރިކޮށްދޭ މިންވަރު 70 ޕަސެންޓާ 90 ޕަސެންޓާ ދެމެދުގެ މިންވަރަކަށް އަރައެވެ. އަދި ފައިޒާ ވެކްސިންއިން ކޮވިޑުން ދިފާއުކޮށްދޭ މިންވަރު 95 ޕަސެންޓަށް އަރައެވެ.
މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުމަށް އަމާޒުހިފާފައިވާއިރު ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޤައުމެއްކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިގޮތުން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ތިންލައްކަ ފަސްދޮޅަސް އަށްހާސް މީހުންނަށް ވުރެ ގިނަ މީހުން ވަނީ ޖަހާފައެވެ. އަދި ދެވަނަ ޑޯޒް ދެލައްކަ ނަވާވީސް ހާހަށްވުރެ ގިނަ މީހުން ވަނީ ފުރިހަމަކޮށްފައެވެ. ރާއްޖޭގައި މިވަގުތު އެސްޓްރަޒެނަކާއާއި ސިނޯޕާމް އަދި ފައިޒާ ވެކްސިން އަންނަނީ ޖަހަމުންނެވެ.