ރާއްޖޭގައި ވަކި ސިނާއަތެއްގެ ގޮތުގައި މެރިކަލްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މި ސިނާއަތައް އިންވެސްޓުކޮށް މަސައްކަތްކުރާ ދިވެހި ކުންފުނިތައްވެސް އަންނަނީ އިތުރުވަމުންނެއެވެ.
ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުންވަނީ 5 ސަރަޙައްދެއް ކަނޑައަޅުއްވާފައެވެ. އެ 5 ސަރަޙައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި، މ.އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެއިތުރުން މިކަމަށް ވަނީ، މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް ކަނޑައަޅާފައެވެ.
މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ބ. ފެހެންދޫގައި އަމިއްލަ ފަރާތަކުން މަޝްރޫޢެއް ފަށާފައިވަނީ މިދިޔަ އަހަރުގެތެރޭގައެވެ. "ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފެށި މި މަޝްރޫޢުގެ ދަށުން މިއަހަރު ވަނީ ފުރަތަމަ ޝިޕްމަންޓް އެކްސްޕޯރޓްކޮށްފައެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ އެކުންފުނީގެ ތަޖުރިބާއަށް ބަލައި އިތުރު ކުންފުންޏަކުން މިސިނާއަތަށް އިންވެސްޓްކޮށް މިހާރުވަނީ އެމަސައްކަތް ފަށާފަކަމަށެވެ. އެއީ އެސްޓީއެމް ނަމަކަށް ކިޔާ ކުންފުންޏެއް ކަމަށާއި އެކުންފުނިން މޫދުވިނަ އާލާކުރުމުގެ މަސައްކަތްކުރަނީ ގއ ކޮނޑޭ އަދި ކޮލަމާފުށިގައިއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމްއިއްޔާގެ ޓެކްނިކަލް އެހީގައި މޫދު ވިނައިން ޕްރޮޑަކްޓް އުފެއްދުމަށް އާ ޕްރޮޖެކްޓެއް އެކުލަވާލައި، ޕްރޮޖެކްޓަށް ފެހި ސިގްނަލްވަނީ ލިބިފައިކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެސަރަހައްދުތަކުގެ ރަށްތަކުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، ކަނޑުގެ ފުރިހަމަ ނަފާ ހޯދުމުގެ އިތުރު ދޮރުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ކަނޑުގެ ނަފާ ހޯދުމަށް ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު ޕްރޮޖެކްޓެއް އެކުލަވާލުމަށް ވެސް މަޝްވަރާކުރަމުންދާކަމަށް މަޝްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް މާލީ އެހީ ދިނުމަށް 'މެރިކަލްޗަރ ސްކީމް'ގެ ނަމުގައި ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މިކަމުގެ ސަބަބުން، މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތައް ފުޅާކުރުމަށާއި، އަލަށް މި ވިޔަފާރިއަށް ވަނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.