ޚަބަރު

އިތުރު 152 މީހުން ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 152 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 79289 އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 152 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 83 މީހަކު ހިމެނެއެވެ. އަދި ރިސޯޓުތަކުން 40 މީހަކު ހިމެނެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 79،289 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުންނާއި ރިސޯޓުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗް.ޕީ.އޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 1682 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 17 މީހުންނަށެވެ.

ރާއްޖޭގައި ކޯވިޑްގެ ޙާލަތު ރަނގަޅުވާން ފަށާފައިވާއިރު، ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ރިކޯޑް ޢަދަދަކަށް މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 96 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 77،373 އަށް އަރާފައެވެ.

24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5660 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.