މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 27 އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު އޮތް ހަމައެކަނި އިންޑޯ ކޯޓަކީ، މާލެ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ. އެކަން ބަދަލުކޮށް މާލެ ސަރަހައްދުގައި އިތުރު އިންޑޯ ކޯޓުތައް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއްގައި، އަދި ވިލިމާލޭގައި ވެސް އިންޑޯ ކޯޓު އަޅަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން އިންޑޯ ކޮމްޕްލެކްސްތަކެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއީ އެތުލީޓުންނަށް ތަފާތު ސްޓޭޑިއަމްތަކުގައި ވާދަކޮށް ސްޓޭޑިއަމް ތަޖުރިބާ ކުރުމުގެ މަގުސަދުގައި އެޅޭ ކޯޓުތަކެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މާލެ ސަރަހައްދު ހިމެނޭހެން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 27 އިންޑޯ ކޮމްޕްލެކްސް އެޅުމަށް ނިންމާ އެކަމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ގާތް ގަނޑަކަށް 27 އިންޑޯ ކޮމްޕްލެކްސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަދި މާލެ ސަރަހައްދު ހިމެނޭ ގޮތައް ކުރިއަށް އެބަ ގެންދަން. މީގެ ބޭނުމަކީވެސް އިންޑޯގައި ކުޅޭ ކުޅިވަރުތައް ގަޑިތަކަށް ބަހާލައިގެން މުބާރާތްތަކާ އެއްޗެހި އެގޮތައް، ފަސޭހަކާމާއެކީ ގެންދިޔުން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލެ ސަރަހައްދުގައި 33 އަހަރުވީއިރުވެސް އެޅިފައި ވަނީ އެންމެ އިންޑޯ ސެންޓަރެއް ކަމަށެވެ. އެކަމަކު ދާދި އަވަހަށް ހުޅުމާލެ ފޭސް 2ގައި އިންޑޯ ކޮމްޕްލެކްސްއެއްގެ މަސައްކަތް ފަށާނެ ކަމަށާއި، އޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ވިލިމާލޭގައި ވެސް އިންޑޯ ފެސިލިޓީތަކެއް އަޅަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރުތައް ލާމަރުކަޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުޅިވަރު ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒުގެ ތެރެއިން އެޅިގެންދާ 27 އިންޑޯ ކޮމްޕްލެކްސްއާއެކު ބޮޑެތި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ މަގު ފަހިވާނެ އެވެ.
ސަރުކާރުން ކުޅިވަރު ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ އަސާސީ ގަވައިދަތަކަށް ބަދަލުގެނަސް އެކި ސަރަހައްދުތަކުގައި އެސޯސިއޭޝަންތަކުގެ އޮފީސްތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.