ޚަބަރު

ކޭސްތައް މަދުވެ މޮނިޓަރިންގައި މިވަގުތު އޮތީ 9 ރަށެއް


ކޯވިޑާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކުގެ ޢަދަދު މަދުވެއްޖެއެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު މޮނިޓަރިންގައި އޮތީ 9 ރަށެކެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގައި ކޯވިޑްގެ ޙާލަތު އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން މާލެއެކޭ އެއްފަދައިން އަތޮޅުތަކުންވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ދަށްވެފައެވެ. އެހެންކަމުން ކޯވިޑާ ގުޅިގެން މޮނިޓަރިންއަށް ލާފައިވާ ގިނަ ރަށްތައް ވަނީ މޮނިޓަރިންއިން ނަގާފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގައި އޮތީ 9 ރަށެކެވެ. އެއީ ރ.ދުވާފަރު، ކ.ކާށިދޫ، މ.ކޮޅުފުށި، ށ.ފީވަށް، ހއ.ތަކަންދޫ، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ، އއ.ހިމަންދޫ އަދި ތ.ހިރިލަންދޫއެވެ. މީގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި މިހާރު އޮތީ ރ.ދުވާފަރެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ މެއި 25ގައެވެ.

މިވަގުތު 9 ރަށެއް މޮނިޓަރުންގެ ޙާލަތުގައި އޮތްނަމަވެސް، ކޯވިޑްގެ ޙާލަތު ގޯސްވެ މެއި މަހުގެ ތެރޭގައި އެ ޢަދަދު 70އިން މައްޗަށްވެސް އެރިއެވެ. އަދި ކޯވިޑްގެ ޙާލަތު ގިނަ ރަށްތަކެއްގައި ގޯސްވުމާއެކު ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި އެރަށްތަކުގައި ކާފިއުވެސް ހިންގިއެވެ.

މޮނިޓަރިންގެ ޙާލަތަށް ރަށެއް ގެންނަނީ، އެރަށަކުން ކޯވިޑްގެ ކޭސް ފެނި، ކޮންޓްރެކްޓް ޓްރޭސިން ހެދުމަށެވެ. އަދި މުޖުތަމަޢުގެ ތެރޭގައި ބަލި އުޅޭކަމަށް ފެނިއްޖެނަމަ އެރަށެއްގެ މޮނިޓަރިންގެ ޙާލަތު އުވާލަނީ، އެޗްޕީއޭއިން ކަނޑައަޅާ ވަކި ޢަދަދަކަށް ރެންޑަމް ސާމްޕަލް ނަގައި، ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުންނެވެ.

ރާއްޖޭގައި މިހާރު ކޯވިޑްގެ ޙާލަތު ރަނގަޅުވެފައިވާއިރު، އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް އެޅި ގިނަ ފަޔަވަޅުތަކަށް ލުއި ދީފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ކޯވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްވެސް ވަނީ ފުޅާކޮށްފައެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދިނުމަށެވެ. ސަރުކާރުން ވަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެނަށް ބޭނުންވާވަރަށް ވެކްސިން ރާއްޖެ ގެނެސްފައެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ 125 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 30 މީހުންނާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 66 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 29 މީހެކެވެ.