ކޯވިޑް-19 ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ބައެއް ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އަންގަވައިފިއެވެ.
އެ އެޖެންސީން މިގޮތަށް އަންގަވާފައިވަނީ ކޯވިޑުން ދިފާޢުވުމަށް ވެކްސިން ޖެހުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗް.ޕީ.އޭއިން ނެރުއްވި ލިޔުމެއްގައިވަނީ އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ވެކްސިނަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އަންގަވާފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކާ އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ ފަރާތްތަކާމެދު ބައެއް ޚިދުމަތްތައް ހޯދުމުގައި ޝަރުތުތަކެއް ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކަށް އެ އެޖެންސީން ވަނީ އަންގަވާފައެވެ.
ކޯވިޑް ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ހޯދުމަށް ޝަރުތުތަކެއް ކަނޑައެޅުމަށް އެޗް.ޕީ.އޭއިން ނިންމާފައިވާއިރު، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުފުރާގެ މީހުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު އަމަލުކުރާ އުޞޫލަށްވެސް އަންނަމަހުގެ އެކަކުން ފެށިގެން ބަދަލު ގެންނަން ވަނީ ނިންމަވާފައެވެ.
އެޗް.ޕީ.އޭއިން މިހާރު ޢަމަލުކުރާ އުޞޫލުގެ ދަށުން ވެކްސިން ނުޖަހާ މީހުން ދަތުރުކުރާނަމަ، ކަރަންޓީންވާންޖެހެއެވެ. އަދި އެފަރާތްތަކަށް ރަށުތެރެއަށް ނިކުމެވޭނީ ނެގެޓިވް ޕީ.ސީ،އާރް ނަތީޖާއަކާއެކުއެވެ. ނަމަވެސް އަންނަމަހުން ފެށިގެން މިގޮތަށް ވެކްސިން ނުޖަހާ، ކަރަންޓީންވާ ފަރާތްތަކުން އަމިއްލަ ޚަރަދުގައި ޕީ.ސީ.އާރް ޓެސްޓު ހަދަންޖެހޭގޮތަށް މިހާރު ވަނީ ނިންމާފައެވެ.
މީގެ އިތުރުން އަންނަމަހުގެ 1 އިން ފެށިގެން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އުމުރުފުރާގެ ތެރެއިން ވެކްސިން ނުޖަހާ ތިބޭ ފަރާތްތަކަށް ރާއްޖޭގެ ސްކޫލްތަކަށް ވަދެނުނިކުމެވޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ނިންމަވާފައެވެ. މިއީ ރާއްޖޭގެ ސްކޫލްތަކުގައި އާންމު ޙާލަތުގައި ދަރިވަރުންނަށް ކިޔަވައިދިނުން ކުރިއަށްގެންދެވޭނެ މާޙައުލެއް ޤާއިމުކޮށް، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ސްކޫލްތަކުގައި ކޯވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
ރާއްޖޭގައި ކޯވިޑުން ދިފާޢުވުމަށް އާބާދީގެ %90 އަށް ވެކްސިން ޖެހުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް މިހާރު ފަށާފައިވާއިރު، ރާއްޖޭގައި މިހާރު ޖަހަމުންދާ އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚަކީ އަންނަމަހުގެ އެކެކެވެ. މިގޮތަށް ކަނޑައަޅާފައިވަނީ މިހާރު ލިބިފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ ޑޯޒްތައް ނޮވެމްބަރުމަހަށް ހަމަވާނެތީއާއި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް 2 މަސް ދުވަސް ބޭނުންވާތީއެވެ.
ކޯވިޑް ވެކްސިން ޖެހުމަށް ރާއްޖޭގައި ޝަރުތު ހަމަވާ އާބާދީގެ ގާތްގަނޑަކަށް %21 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިނުވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން %40 މީހުން އަދިވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.