ޕޯލަންޑްގައި މިހާރު ކުރިއަށްދާ ވިމެންސް އަންޑަރ 20 ވޯލްޑް ކަޕްގެ ފައިނަލުން ސްޕެއިން އާއި އުތުރު ކޮރެއާ ޖާގަހޯދައިފއެވެ.
މިމުބާރާތުގެ ފައިނަލުން ސްޕެއިން ޖާގަހޯދާފައިވަނީ ސެމީ ފައިނަލްގައި އިޓަލީވިލާތާއި ބައްދަލުކުރި މެޗު 2 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕެއިންގެ ޓީމެވެ. މިގޮތުން މިމެޗުގައި ސްޕެއިންގެ ޓީމުން 23 ހަމަލާ އުފައްދާފައިވެއެވެ. އިޓަލީވިލާތަށް އުފެއްދިފައިވަނީ ތިން ހަމަލާއެވެ. މިމެޗުގައި ސްޕެއިން އިން ކާމިޔާބު ކުރި ފުރަތަމަ ލަނޑަކީ މެޗުގެ 40 ވަނަ މިނެޓްގައި އިޓަލީވިލާތުގެ އެލޭނާ ބޭލީ ގައިގާ ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑާއެކު ފުރަތަމަ ހާފު އެއް ލަނޑުގެ ލީޑެެއްގައި އޮވެ ސްޕެއިން އިން ނިންމާލިއިރު ދެވަނަ ހާފުގެ ކުޅުން ފެށިތާ 9 ވަނަ މިނެޓުގައި ސްޕެއިންއިން ވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕައު ކޮމެންޑާޑޯއެވެ.
މިމެޗުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަަހާނެ ފުރުސަތު ސްޕެއިންއަށް ލިބިގެން ގޮސްފައިވެއެވެ. 2022 ވަނަ އަހަރު މިމުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިން ފައިނަލްގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަދި މިމުބާރާތް ތިން ފަހަރަށް ކާމިޔާބު ކޮށްފައިވާ އުރުތު ކޮރެއާ އާއެވެ.
މިމުބާރާތުގެ ފައިނަލުން އުތުރު ކޮރެއާ ޖާގަހޯދީ ސެމީ ފައިނަލްގައި ކޮލޮމްބިއާ އާއި ބައްދަލު ކުރި މެޗު 3 ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގައި އުތުރު ކޮރެއާގެ ފުރަތަމަ ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕަކް އޮކް އައިއެވެ. އަދި މެޗުގެ 35 ވަނަ މިނެޓުގައި ޗޮއި ރިމް ޖޮންގ ޖަހައިދިން ލަނޑުން އުތުރު ކޮރެއާއިން އެޓީމުގެ ލީޑު ފުޅާކުރިއެވެ. މިމެޗުގައި އެޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސޯ ރިޔޫ ގިޔޮންގއެވެ.
އުތުރު ކޮރެއާ އާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ އާދިއްތަ ދުވަހުއެވެ. އަދި އޭގެ ކުރިން ހޮނިހިރު ދުވަހު ކުޅޭ ތިން ވަނަ ހޮވާ މެޗުގައި ބައްދަލު ކުރާނީ އިޓަލީވިލާތާއި ކޮލޮމްބިއާއެވެ.