ޚަބަރު

އިތުރު 131 މީހުން ކޯވިޑަށް ޕޮޒިޓިވް، ރަނގަޅުވީ 100 މީހުން


ރާއްޖެއިން އިތުރު 131 މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 78،130 އާއި ގާތްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 131 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 92 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 18 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 78،130 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ދާދި އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދަމުންދަނީ 2،543 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 24 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 100 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 75،353 އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 5198 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 222 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 203 ދިވެހިންނާއި 19 ބިދޭސީންނެވެ.