އަތޮޅުތަކުގެ ތެރެއިން ކޯވިޑުން ދިފާޢުވުމުގެ ވެކްސިން ފުރިހަމަކުރި އާބާދީ އެންމެ ބޮޑީ ވ. ތިނަދޫގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. އެ އެޖެންސީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގެ އާބާދީގެ 77 އިންސައްތަ މީހުން ވަނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައެވެ.
އެޗް.ޕީ.އޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަތޮޅު ތެރެއިން ކޯވިޑް ވެކްސިން ޕްރޮގްރާމް އެންމެ ކާމިޔާބުކަމާއެކު ހިންގަމުންދަނީ އއ. އަތޮޅާއި އދ އަތޮޅުގެ އިތުރުން ވ. އަތޮޅާއި ގއ. އަތޮޅުގެ ރަށްރަށުގައެވެ.
އެގޮތުން އާބާދީގެ ނިސްބަތުން ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒްވެސް އެންމެ ގިނައިން ޖަހާފައިވަނީ ވ.ތިނަދޫގައެވެ. އެރަށުން 18 އަހަރުން މަތީގެ %95 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ޖަހާފައިވާއިރު، މުޅި އާބާދީގެ %77 އިންސައްތަ މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.
ވެކްސިން ކަވަރޭޖް އެންމެ މަތި ރަށްތަކުގެ ތެރެއިން ދެން އެންމެ ފާހަގަކޮށްލެވޭ ދެ ރަށަކީ އދ. ހަންޏާމީދޫއާއި ވ. ރަކީދޫއެވެ. ހަންޏާމީދޫގެ މުޅި އާބާދީގެ %78 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، %75 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ. އަދި ރަކީދޫން %75 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންގެ ނިސްބަތްވެސް އުޅެނީ %75 ގައެވެ.
ރާއްޖޭގެ އުތުރުން ވެކްސިން ކަވަރޭޖް އެންމެ ރަނގަޅުކަމަށް ދައްކަނީ ށ. ފީވަކުގައެވެ. އެރަށުން އާބާދީގެ %74 އިންސައްތަ މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، %72 މީހުން ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ. ދެކުނުގެ އަތޮޅުތަކުން އާބާދީގެ ނިސްބަތުން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ގއ. ދެއްވަދޫއާއި އެއަތޮޅު ކަނޑުހުޅުދޫގައެވެ. އެގޮތުން ދެއްވަދޫއިން %73 މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު ކަނޑުހުޅުދޫގައި މި ނިސްބަތް އުޅެނީ %72 ގައެވެ.
އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން އާބާދީގެ ނިސްބަތުން ވެކްސިން ކަވަރޭޖް އެންމެ ކުޑަކަމަށް ދައްކަނީ ގއ. ދާންދޫގައެވެ. އެރަށުން %45 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ އެންމެ %9 މީހުންނެވެ. މާލޭ ސިޓީ ފިޔަވާ ރާއްޖޭގެ އިތުރު ސިޓީތަކަށް ބަލާއިރު، ކުޅުދުއްފުށި ސިޓީގައި ވެކްސިން ފުރިހަމަކުރި މީހުންގެ ނިސްބަތް އުޅެނީ %67 ގައެވެ. ފުވައްމުލައް ސިޓީން %45 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު، އައްޑޫ ސިޓީގައި މި ނިސްބަތް އުޅެނީ %63 ގައެވެ.
ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް މިދިޔަމަހުގެ 31 ވަނަ ދުވަހު އަލުން ފަށާފައިވާއިރު ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ %27 މީހުން ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗް.ޕީ.އޭއިން ދާދިފަހުންވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކުން މިހާރު ލިބުނު ފުރުސަތުގައި ވެކްސިން ފުރިހަމަކުރުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ ވެކްސިންގެ ބޮޑު ކެމްޕޭނަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދެއްވުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުވަނީ އިލްތިމާސްކުރައްވާފައެވެ.
ވެކްސިން ކެމްޕޭނަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި، ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއެކު ގިނަ ބަޔަކު އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. ސަބަބަކީ ރާއްޖެއަކީ ވެކްސިންޖެހުމުގެ ޝަރުތު ހަމަވާ މުޅި އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ލިބުނު މަދު ޤައުމުތަކުގައި ހިމެނޭ ޤައުމަކަށްވެ މިބަލިމަޑުކަމުން އަރައިގަތުމަށް ކާމިޔާބުކަމާއެކު ވެކްސިން ފުރިހަމައަށް ދެވޭނެ މަދު ޤައުމުތަކުގެ ތެރޭގައިވުމުންނެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާ އިޤްތިސާދީ ގޮތުން ޤައުމު ހިނގައިގަންނަން އުޅޭ މިދަނޑިވަޅުގައި އަދި އެތައް ދުވަހެއްވަންދެން ގޭގައި ބަންދުވެގެން ތިބުމަށްފަހު ބޭރަށް ނުކުމެ ރަށްރަށަށް ދަތުކުރުކުރުމަށް ލިބުނު މިލުއި މިގޮތުގައި ދެމެހެއްޓުމަށް އަދި ސްކޫލްތަކަށް ހާޒިރުވެގެން ކިޔެވުމަށް ދަރިވަރުންނަށް ލިބިފައިވާ ފުރުސަތުގެ ފަހިކޮށްދިނުމަށްޓަކައި ވެކްސިންއަށް ޝަރުތުހަމަވާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރަންޖެހެއެވެ.