ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިއަދު ދައުވާކުރަން ހުށަހެޅި 4 މީހުންގެ މައްޗަށް 13 ދައުވާއެއް އުފުލައިފިއެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނާއި، ޤާނޫނުލް އުޤޫބާގެ ދަށުންކަމަށެވެ.
ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.
މިމައްސަލައިގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް 4 ދައުވާއެއް އުފުލާފައިވާއިރު، އޭނާއާއިއެކު ދައުލަތުން ވަނީ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ. އަހުމަދު އަދުހަމް ރަޝީދު ހުރީ އަމިއްލައަށް މަރުވެގެންވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ތައްޔާރަށްކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގައި ދެން ދައުވާކުރި މއ. ފޭރުގެ މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާއެވެ. މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިހަމަލާގައި ދެން ދައުވާކުރި އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.
ތަހްމީނު އަޙްމަދަކީ މިޙާދިސާގައި ހިމެނޭ ސައިކަލުގެ ވެރިފަރާތެވެ. އަދި މިސައިކަލަކީ އޭނާގެ ސައިކަލެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ ވިދާޅުވީ ހަމަލާގެ ބާވަތުން ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ސިއްރު ކުރުމަށްފަހުވެސް މިމައްސަލައިގެ ޝަރީއަތް ލަވްއިކޮށް ގެންދިއުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.