ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމުގައި ދަތިތަކެއް ބައެއް ފަރާތްތަކަށް ކުރިމަތިވަމުންދާތީ އެކަން ޙައްލުކުރުމަށް ޚާއްސަ ހެލްޕް ޑެސްކްތަކެއް ވެކްސިން ސެންޓަރުތަކުގައި ޤާއިމުކޮށްފިއެވެ.
ކޯވިޑް-19އިން އަރައިގަތުމަށް ވެކްސިން ޖެހުމަށް ކަމާބެހޭ ފަރާތްތަކުން ބާރުއަޅުއްވަމުން ގެންދަވާއިރު ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. އެހެންނަމަވެސް މިކަމަށް ޚާއްސަ ލިންކު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވަމުން އަންނަކަމުގެ ޝަކުވާތަކެއް އެޗްޕީއޭއަށް ލިބެމުންދާކަމަށް އެއޭޖެންސީން ވިދާޅުވެއެވެ.
މިމައްސަލަ ޙައްލުކޮށް އެޕޮއިންޓްމަންޓް ހަދައިދިނުމަށް އެހީތެރިވެދިނުމަށް ވެކްސިންދޭ ސެންޓަރުތަކުގައި ޚާއްސަ ހެލްޕް ޑެސްކްތަކެއް ޤާއިމުކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ދިވެހިންނާއި ބިދޭސީންވެސް ހިމެނޭހެން ވެކްސިންގެ ކަންކަމާއި ގުޅޭގޮތުން ބޭނުންވާ އެހީތެރިކަމާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަލްޓަންޕާކު ސަރަޙައްދުގައި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހެލްޕް ޑެސްކެއް ބަހައްޓާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
ވެކްސިންޖެހުމަށް އޮންލައިން ލިންކް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭއިން ވަނީ ހުޅުވާލާފައެވެ. މީގެއިތުރުން މިލިންކު މެދުވެރިކޮށް ހުޅުމާލޭ ރައްޔިތުން އެޕޮއިންޓްމަންޓް ހަދަމުންދާއިރު ހުޅުމާލޭ ވެކްސިން ސެންޓަރަށް ރެޖިސްޓަރވީނަމަވެސް ވެކްސިން ޖެހުމަށްދާނީ ހުޅުމާލޭ ހޮސްޕިޓަލަށް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިކަމުގައި ގިނަ ބަޔަކަށް އޮޅުން އަރަމުންދާތީ ވެކްސިންޖަހަން ދިޔުމުގެ ކުރިން މަޢުލޫމާތު ސާފުކުރުމަށްވެސް އެއޭޖެންސީން އިލްތިމާސްކުރައްވައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޕްރޮގްރާމް މިހާރު ކުރިއަށްދާއިރު ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް ވެކްސިން ޖަހަންޖެހޭ އާބާދީއަށް ވެކްސިން ދީ ނިންމުމެވެ. އެގޮތުން ދެވަނަފަހަރަށް ވެކްސިން ޖެހުމަށް ހުޅުވާލިއިރު ވެކްސިންނަށް ޝަރުތު ހަމަވާ 27 އިންސައްތަ މީހުން ވެކްސިން ނުޖަހައެވެ. އަލުން ވެކްސިން ޕްރޮގްރާމް ފެށުމާއެކު ގިނަ ބަޔަކު އަންނަނީ މިހާރު ވެކްސިން ޖަހަމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަޙައްދުން ހާހަކަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާއިރު އަތޮޅުތެރެއިން ދެހާހަށްވުރެ ގިނަ މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.