ކޯވިޑް-19ގެ ފުރަބަންދުގައި އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުގެ ވަގު ވިޔަފާރީގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ އެފްއެސްއެމްގެ ބައުޒަރުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތަކަށްކަމަށް އެފްއެސްއެމްއިން ވިދާޅުވެއްޖެއެވެ.
އެފްއެސްއެމްއިން ވިދާޅުވީ މިމައްސަލާގެ ތަހުގީގް މިހާރުވެސް ކުރިއަށްދާއިރު، އެފްއެސްއެމްއިން މިކަމުގައި އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާކަމަށެވެ.
ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ މިމައްސަލަ ފެންމަތިވުމުން އެފްއެސްއެމްއިން އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން އެޅިކަމަށާއި މިމައްސަލާގައި ކިރިޔާ ޝައްކެއް ކުރެވުނު މުވައްޒަފަކު ހުރިނަމަވެސް އެމުވައްޒިފުންވެސް ޑިޕާޓްމަންޓް ބަދަލުކޮށް ފިޔަވަޅު އަޅާފައިވާކަމަށެވެ.
މިމައްސަލާގައި ކުންފުނިން ޚާއްސަ އޮޑިޓެއްވެސް މިހާރު ހަދަމުންދާއިރު، މިކަމުގައި އެންމެ އިސްކޮށް ޝާމިލުވި މީހާވެސް މިހާރު ދެނެގަނެވިފައިވާކަމަށް ގަސަމް ވިދާޅުވިއެވެ. ތަހުގީގަށް މިހާތަނަށް އެގިފައިވާ ގޮތުގައި މިމައްސަލާގައި އިސްކޮށް އުޅެފައިވަނީ ތެޔޮ ބައުޒަރުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އަދި އޭނާއަށް ރާއްޖެއިން ފުރައިން ނުދެވޭނެހެން އެފްއެސްއެމްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާކަމަށް ގަސަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާތަނަށް ބެލިބެލުމުން އަޅުގަނޑުމެންނަށް ޔަގީނެއްނޫން މިކަން ކޮށްފަ އޮތީ ކިހިނެތް ކިހިނެތްކަމެއް. މީގައި ސަސްޕެކްޓްކުރެވޭ ވަރަށްބޮޑު އެއްފަރާތެއްވޭ. އެއީ ބޭރު މީހެއް. އަޅުގަނޑުމެންގެ ބައުޒަރުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ސްޓާފެއް އެއީ. އޭނާވެސް މިހާރުވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފަ. މައްސަލަ މިހާރުދަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގް ކުރަމުން" ގަސަމް ވިދާޅުވިއެވެ.
އެމްޕީއެލްގެ ބައެއް މުވައްޒަފުންނާއި، ފިއުލްސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުން ގުޅިގެން ހިންގި ތެލުވެ ވިޔަފާރިއަކީ ސޮއި ފޯޖުކޮށް، ހިންގާފައިވާ ކަމެއްކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރ ޝާހިދު ޢަލީ ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ، އެ ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއްކަމަށާއި މިފަދަ އަމަލެއްގައި ޝާމިލްވާ މުވައްޒަފުންނާމެދު، އެކުންފުނިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގި ތެލުގެ މިވިޔަފާރިއާއި ގުޅިގެން އެމްއެފްއެސްއެމްއާއި، އެމްޕީއެލްއިންވެސް ވަނީ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ ކަންކަން ނުހިނގާނެ ގޮތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި މިފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނޭކަމަށްވެސް ވަނީ ބުނެފައެވެ.