ޚަބަރު

ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ވަނީ ބަލައިގަނެފަ: ޝާހިދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ހަރުދަނާ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެއިން މިއަދު ބަލައިގަނެފައިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ފޮރިން މިނިސްޓްރީގެ އިމާރާތް ފަތުހުﷲ ޖަމީލްގެ ނަމަށް ބަދަލުކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދުވަނީ ރާއްޖޭގެ ޚާރިޖިއްޔާއިން ހޯދަމުންދާ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުވާލާފައެވެ.

ފޮރިން މިނިސްޓްރީގެ އިމާރާތް މަރުހޫމް ފަތުހުﷲ ޖަމީލުގެ ނަމަށް ބަދަލުކޮށް، ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެ ބައިނަލްއަޤުވާމީ ގޮތުން ހޯދަމުންދާ ކާމިޔާބީތަކަކީ މީގެ އެތައް އަހަރެއް ކުރިން މަރުހޫމް ފަތުހުﷲ ޖަމީލް ކުރެއްވި މިންނެތް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެމަނިކުފާނުގެ ސިޔާސަތުގައި ހިފަހައްޓައި، އެސިޔާސަތުގެ ދަށުން ރައީސް ޞާލިހު ބައްޓަން ކުރައްވާފައިވާ ޚާރިޖީ ސިޔާސަތަކީ މިއަދު މުޅި ދުނިޔެ ބަލައި ގަނެފައިވާ ހަރުދަނާ ސިޔާސަތެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

މަރުހޫމް ފަތުހުﷲ ޖަމީލަށް ފޮރިން މިނިސްޓްރީގެ އިމާރާތް ޚާއްސަ ކުރުމަކީ އެމަނިކުފާނުގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެމަނިކުފާނުގެ ހަނދާން ތާއަބަދަށް ފެންނަން ހުންނާނޭހެން ބެހެއްޓުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މިއީ ރައީސް ޞާލިހު ވެރިކަމާ ހަވާލުވެ ޚިދުމަތްތެރިންގެ އަގުވަޒަން ކުރުމަށް ދެއްވާފައިވާ ޚާއްސަ އިސްކަމުގެ ތެރެއިން ކުރެވިގެންދިޔަ މުހިންމު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއިމާރާތަކީ ފަތުހުﷲ ޖަމީލުގެ އަމިއްލަ ކުރެހުމެއްގެ މައްޗަށް ފަރުމާކޮށްގެން 3 ރިޔަލެއް އެކުލެވޭ ދިވެހިންގެ މިނިވަންކަމާއި ސިޔާސަދަތު ދައްކުވައިދޭ ވަރަށް ފުރިހަމަ އިމާރާތަކެއްކަމަށާއި އިމާރާތުން ރަމްޒުކޮށްދެނީ ރާއްޖެއަކީ ޚާރިޖީ ދާއިރާގައި ކިތަންމެ ގަދަ ކަނޑެއްގައި ދަތުރުކުރެވޭނެ ހިކުމަތާއި، ފެންވަރުހުރި ޤައުމެއްކަމުގައި ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވިއިރު ރާއްޖެއަކީ ދުނިޔެއާއި ބީރައްޓެހި، އެކަހެރި ވެފައިވާ ޤައުމަކަށް ވީނަމަވެސް މިއަދު ދުނިޔެއިން ރާއްޖެ ބަލައި ގަނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ އެތައް ޤައުމަކުން ވޯޓު ދީގެން ރާއްޖެއަށް އދ.ގެ މަތީ މަޤާމެއްގެ ޝަރަފް ލިބުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ހިކުމަތްތެރި ވިސްނުން ދުނިޔެ ބަލައި ގަނެފައިވާކަމުގެ ހެއްކެތް ކަމުގައި މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މަރުހޫމް ފަތުހުﷲ ޖަމީލުގެ އިމާރާތުގައި ކުރީގެ ވަޒީރުކަން ކުރައްވައި ދުނިޔެ ދޫކުރައްވާފައިވާ ބައެއް ބޭފުޅުންގެ ނަންފުޅުތަކުން ބައެއް މާލަންތަކަށް ނަން ދެއްވާފައިވެއެވެ. އެގޮތުން ހަސަން ފަރީދު މާލަމަކާއި، އަލް އަމީރު މުހައްމަދު އަމީންއާއި، އިބްރާހިމް ފާމުދޭރި ކިލޭގެ ފާނާއި، އަލްއަމީރު އިބްރާހިމް ނާސިރާއި، އަހުމަދު ޒަކީ އިތުރުން ޑރ.އަބްދުއް ސަމަދު އަބްދުﷲ ގެ ނަމުން ނަންދީފައިވާ މާލަންތައް މިއިމާރާތުގައި ހިމެނެއެވެ.