ޚަބަރު

ގިނަ ބަޔަކު ޕީސީއާރް ޓެސްޓު ހަދަމުންދާތީ ނަތީޖާ ލިބުން ލަސްވެދާނެ - އެޗްޕީއޭ


މިދުވަސްވަރު ރަށްރަށަށް ދަތުރުކުރުމަށް ގިނަ ބަޔަކު ޕީސީއާރް ޓެސްޓު ހަދަމުންދާތީ ޓެސްޓުކުރަންޖެހޭ ސާމްޕަލްތަކުގެ ޢަދަދު ގިނަވެފައިވާކަމަށާއި މީގެ ސަބަބުން ޓެސްތުތަކުގެ ނަތީޖާ ލިބުން ލަސްވުމަކީ އެކަށީގެންވާކަމެއްކަމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

ކުރިއަށް އޮތް އަޟްޙާ ޢީދާއި ރާއްޖޭގެ މިނިވަން ދުވަހާ ގުޅިގެން ދެހަފްތާގެ ބޮޑު ޗުއްޓީއެއް ލިބޭތީ ގިނަ ބަޔަކު އަންނަނީ އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރަމުންނެވެ. ޗުއްޓީއާ ދިމާކޮށް ރަށްރަށަށް ދިޔުމަށް ހުއްދަދީ އެކުލަވާލާފައިވާ އުސޫލުގައި ކޮންމެ މީހަކުވެސް ނެގަޓިވް ޕީސީއާރް ޓެސްޓުގެ ނަތީޖާއެއް އޮންނަންޖެހެއެވެ. މީގެ ސަބަބުން ޕީސީއާރް ޓެސްޓު ހެދުމަށްއޮތް ޑިމާންޑުވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން މިވަގުތު މާލޭގައި ޓެސްޓު ހަދަމުންދާ ސެންޓަރުތަކަށް ބާރު ބޮޑުވެފައިވާއިރު އޭގެ ސަބަބުން ކޮންމެ ދުވަހަކުވެސް ޓެސްޓުކުރަންޖެހޭ ސާމްޕަލްތަކުގެ ޢަދަދުވަނީ އިތުރުވެފައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއާއެކު ނަތީޖާ ލިބުން ލަސްވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެއޭޖެންސީއިން ވިދާޅުވެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިފަދައިން މިވަގުތު ކުރިމަތިވީނަމަވެސް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގައި ކޯވިޑްގެ ޢަލާމަތްތައް ހުންނަ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެގެންނަގާ ސާމްޕަލްތައް ޓެސްޓުކުރުމުގައި އިސްކަންދޭނެކަމަށެވެ.

ކުރިއަށް އޮތް ބަންދާ ދިމާކޮށް ރަށްރަށް ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށް ނުދިޔުމަށްވެސް އެއޭޖެންސީން އިލްތިމާސްކުރައްވާފައެވެ. ހަމައެއާއެކު ރަށްރަށުގައި ޙަރަކާތްތައް އިންތިޒާމުކުރުމުގައިވެސް މީހުން ގިނައިން އެއްވެ އުޅޭހެން ބައްވާ ޙަރަކާތްތައް މިދުވަސްވަރު ނުބޭއްވުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.