ޚަބަރު

ހައި-ރިސްކް ޤައިދީން އަނބުރާ ޖަލަށް ބަދަލުކުުރުމަށް ނިންމާފައެއް ނުވޭ: ކަރެކްޝަންސް


ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު ގޯސްވުމާއި ގުޅިގެން ޖަލުގައި ތިބި ހައިރިސްކު ގައިދީން ގެއަށް ބަދަލު ކުރުމަށްފަހު އަނބުރައި ޖަލަށް ގެންދިއުމަށް މިހާތަނަށް ނިންމާފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަނުން މިހެން ބުނެފައި މިވަނީ ކޯވިޑް ފެތުރޭތީ ގެއަށް ބަދަލުކޮށްފައިވާ ޤައިދީން އަނބުރާ ޖަލަށް ގެންދަން އުޅޭކަމަށް ބުނެ ޚަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ ކޯވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްވެ ޖަލުތަކުގައި ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން ގެއަށް ބަދަލުކޮށްފައިވާ ހައިރިސް ގައިދީން އަނބުރާ ޖަލަށް ބަދަލު ކުރުމަށް އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށެވެ.

ނަމަވެސް ކޯވިޑް-19ގެ ހާލަތު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނާތީ ގައިދީން އަނބުރާ ޖަލަށް ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށާއި ނަމަވެސް ޖަލަށް ގައިދީން ބަދަލު ކުރުމަށް އަދި ވަކި ތާރީހެއް ކަނޑައަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީން އަނބުރައި ޖަލަށް ބަދަލުކުރާއިދު، ކޯވިޑާއި ގުޅިގެން ގެއަށް ބަދަލުކުރުވުނު ހުރިހާ ގައިދީންވެސް ޖަލަށް ބަދަލު ކުރެވޭނެކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ޖަލުތަކުގައި ތިބި ޤާއިދީންގެ ތެރެއިންވެސް ބައެއް މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ޖަލުތަގައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުދަކޮށް، ޖަލުގައިތިބި ހައިރިސްކް މީހުން ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފައެވެ. ގެއަށް ބަދަލު ކުރި ފަރާތްތަކުގެ ތެރޭގައި 5 އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފިޒުކުރައްވަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންވެސް ހިމެނެއެވެ.