ޚަބަރު

ޤާނޫނުލްއުޤޫބާތަށް ހުށަހެޅި އިސްލާހު ފާސްކުރެވެންޖެހޭނީ ޢިލްމުވެރިންގެ މަޝްވަރާއާއިއެކު - އިދިކޮޅު


ނަފްރަތު އުފެއްދުމުގެ ޢަމަލުތައް ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހެޅިބިލު މަޖިލީހުން ފާސްކުރަންޖެހޭނީ ދީނީ އިލްމުވެރިންގެ މަޝްވަރާއާއި ލަފާގެ މަތީން ކަމުގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީން ބުނެފިއެވެ.

ނަފްރަތު އުފެއްދުން ހުއްޓުވުމަށް ޤާނޫނުލްއުޤޫބާތަށް އިސްލާހުގެނައުމަށް ހުށަހެޅި ބިލު އިތުރަށް ދިރާސާކުރުމަށް އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މިބިލް އަނބުރާ ކޮމިޓީއަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީން މިބިލް ދިރާސާކޮށް ފާސްކުރި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހުގައެވެ.

މިބިލާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގައިހުރި ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވީ މިބިލަކީ ސަރުކާރުން ވަކި މަޤްސަދެއްގައި ހުށަހެޅި ބިލެއްކަމަށެވެ. ބިލުގެ މަސައްކަތް މިހާތަނަށް މަޖިލީހުން ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ބިލު މަޖިލީހުން ބޭރު ކުރުންކަމަށާއި، ބިލު މަޖިލީހުން އިތުރަށް ކުރިއަށް ގެންދާނަމަ އިލްމު ވެރިންގެ މަޝްވަރާއާއިއެކު ނޫނީ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ސަލީމް ވަނީ ގޮވާލާފައެވެ.

"ހަގީގަތުގައި މިފަދަ ބިލަކަށް އިލްމުވެރިންގެ މަޝްވަރާއާއި ލަފާ ހޯދަންޖެހޭ. އިލްމުވެރިންގެ ބަސް މިކަމުގައި ނުހޯދަނީ ވަކި މަޤްސަދެއްގައި މިކަން ކުރާތީ. ދީނީ އިލްމުވެރިންގެ ލަފައެއްނެތި މިވަރުގެ ކަމެއް ކުރުމަކީ ގޯހެއް. އެބޭފުޅުންގެ މަޝްވަރާ މީގައި ހިމަނަންޖެހޭ" ސަލީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މަޖިލިސް ކައިރީގައި ބޭއްވި މި ބައްދަލުވުމުގައި މެމްބަރުން ވަނީ މިބިލާއިމެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފައެވެ. އަދި ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ގެންދިއުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށްވެސް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.