ފުޓްބޯޅައިން ސަސްޕެންޑް ކޮށްފައިވާ ޗެލްސީގެ ފޯވަޑް މިޚައިލޯ މުޑްރީކް އަށް ކުޅުމުގެ ފުރުސަތު ލިބިއްޖެ އެވެ.
ޔުކެރޭނަށް އުފަން އުމުރުން 25 އަހަރުގެ މުޑްރީކް އަށް ސަސްޕެންޝަނެއް އައިސްފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އޭނާ މަނާ ބޭހަކަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެ އެވެ.
މަނާ ބޭހަށް މުޑްރީކް ޕޮޒިޓިވް ވިކަމަށް ހެދި ދެ ޓެސްޓުންވެސް ޕޮޒިޓިވް ވުމާއި ގުޅިގެން އިނގިރޭސި އެފްއޭ އިން ވަނީ އޭނާ ހަތަރު އަހަރަށް ސަސްޕެންޑްކޮށްފަ އެވެ. ނަމަވެސް އެ މައްސަލަ ޗެލްސީ އިން ވަނީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށައަޅާފަ އެވެ.
އިނގިރޭސި އެފްއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޑްރީކްގެ މައްސަލަ ބެލުމަށްފަހު އޭނާ މަނާ ބޭހަށް ޕޮޒިޓިވްވި ކަމަށް އިއުތިރާފުވެ ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުރުމާއިއެކު މިހާރު އެ މައްސަލަ ނިމި މި ވަގުތުން ފެށިގެން އޭނާއަށް ދެން ކުޅެވޭނެ ކަމަށެވެ.
މުޑްރީކްގެ ސަސްޕެންޝަން އުވާލުމާއި ގުޅިގެން އޭނާ ބުނެފައިވަނީ މިއީ ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"މިއީ އަހަރެންގެ ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި ދުވަސްތައް. އަދި މި ކަމުން ސަލާމަތްވެ އަލުން ކުޅުމުގެ ތެރެއަށް އައުމުގެ ފުރުސަތު ލިބުމުން އެކަމާއި ވަރަށް ބޮޑަށް އުފާ ކުރަން." މުޑްރީކް ބުންޏެވެ.
މުޑްރީކް މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޔުކްރޭންގެ ގައުމީ ޓީމަށް ކުޅުނު މެޗަކަށްފަހު ނެގި ސާމްޕަލް އަކުންނެވެ.