ޚަބަރު

ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ 68 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ


ކޯވިޑަށް ފަރުވާ ހޯދަމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 68 އަހަރުގެ އަންހެނަކު ނިޔާވެފައިވާކަމަށެެވެ. އޭނާ ނިޔާވީ ރޭ ދަނވަރު 2:05 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 202 ވަނަ މީހާއެވެ. ދުއިސައްތަ ދެމީހުން ނިޔާވިއިރު މީގެ ތެރޭގައި ހިމެނެނީ 185 ދިވެހިންނާއި 17 ބިދޭސީންނެވެ. އިއްޔެވެސް މިބަލީގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ހޯދަމުންދިޔަ މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްހާހުން މައްޗަށް އަރާ، ފަރުވާ ދޭމީހުންގެ ޢަދަދު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިދިޔަމަހު ފަހުކޮށް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެއާއެކު ބަލިޖެހޭ މީހުންގެ ޢަދަދު ވޭތުވެދިޔަ ހަފްތާއިން ފެށިގެން ވަނީ ދަށަށް ދާން ފަށާފައެވެ.

މިއާއެކު ބައްޔަށް ހުށަހެޅޭ މީހުންގެ ޢަދަދު މަދުވިނަމަވެސް ބަލީގައި ނިޔާވާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. ސަބަބަކީ ކުރިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި ހައިރިސްކް ގިނަބަޔަކު ތިބުމުން ކަމަށާއި މީގެތެރެއިންވެސް ގިނަބަޔަކު ވެކްސިން ފުރިހަމަ ނުކުރާކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ކޯވިޑްއަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މާލެ ސަރަޙައްދުން މަދުވެފައިވީނަމަވެސް މިހާރުވެސް އަތޮޅުތަކުން ބައްޔަށް ހުށަހެޅޭ މީހުންގެ ޢަދަދު ހުރީ 100 އިން މަތީގައެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރު މިބައްޔަށް މާލެއިން ހުށައެޅިފައިވަނީ 86 މީހުންނެވެ. އަދި އަތޮޅުތަކުން 116 މީހަކަށް ބަލިވަނީ ޖެހިފައެވެ. މިއާއެކު މިވަގުތުވެސް 6300 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ.