މުނިފޫހިފިލުވުން

"ޕަވިތްރާ ރިޝްތާ"ގެ ދެވަނަ ބަައި، ސުޝާންތުގެ ރޯލަށް ޝަހީރު


އެކްތާ ކަޕޫރު ޕްރިޑިއުސްކޮށް 2009 ވަނަ އަހަރުން 2014 ވަނަ އަހަރަށް ޒީ ޓީވީން ދެއްކި ޑްރާމާ ސީރީޒް "ޕަވިތްރާ ރިޝްތާ" އިން މަޝްހޫރުވެގެންދިޔަ ސުޝާންތު ސިންގު ރާޖްޕުޓް އަމިއްލައަށް މަރުވިތާ އިއްޔެ 1 އަހަރު ވެފައިވާއިރު އަންކިތާ ލޯކަންޑާއާއެކު މި ސީރީޒްގައި ސުޝާންތު ދެއްކި ހުނަރަށް އަދިވެސް ބެލުންތެރިންގެ ތަރުޙީބު ވަރަށްބޮޑަށް ލިބެއެވެ.

މާނަވްގެ ރޯލުން ސުޝާންތު ފެނިގެންދިޔައިރު އޮން ސްކްރީންގެ އެންމެ ލޯބި ކަޕުލްގެ ގޮތުގައި މަޝްހޫރުވެފައިވަނީވެސް ސުޝާންތުއާއި އަންކިތާގެ ޖޯޑެވެ.

މި ސީރީޒް އާއި ގުޅިގެން މިޑިއާތަކުގެ މިހާރު ތިލަވެފައިވާ ވާހަކަތަކަކީ ސީރިޒްގެ ދެވަނަ ބައެއް އެކްތާ ހަދަން އުޅޭކަމުގެ ވާހަކަތެކެވެ. "ޕަވިތްރާ ރިޝްތާ" ގެ އޮރިޖިނަލް ސީރީޒް ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރ ކުޝާލް ޒަވޭރީ ވަނީ މިވާހަކަތައް ޔަޤީންވެސް ކޮށްދީފައެވެ. އަދި ދެވަނަ ބައިގެ ބަޠަލާއަކީވެސް އަންކިތާ ކަމުގައި ކުޝާލް ވަނީ ބުނެފައެވެ.

އަރުޗަނާގެ ރޯލަށް އަންކިތާ އާބަސް ބުނެފައިވާއިރު މާނަވްގެ ރޯލު "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ އެކްޓަރ ޝަހީރު ޚާންކަމަށް ވެއެވެ. މި ރޯލު ކުޅޭނެކަމަށް މީގެކުރިން އަޑުތައް ފެތުރިފައި އޮތީ "ބޭޕަނާ" ގެ ތަރި ހަރްޝަދު ޗޯޕްޑާއެވެ.

މި ސީރީޒް ރިލީޒްކުރަން ހަމަޖެހިފައިވަނީ އޭއެލްޓީ ބާލާޖީ އިންނެވެ. "ޕަވިތްރާ ރިޝްތާ" އަށް ދާދި ފަހުންވަނީ 12 އަހަރު ފުރިފައެވެ. އަންކިތާ ވަނީ މިކަން ފާހަގަކުރުމުގެ ގޮތުން އިންސްޓަގްރާމް ލައިވް ކޮށްފައެވެ. އަދި ފޭނަކު ހަދިޔާ ކުރި ކޭކެއްވެސް މި ލައިވްގައި ވަނީ ފަޅާފައެވެ. މީގެއިތުރުން އަންކިތާ ވަނީ ސުޝާންތުގެ މަތިން ވަރަށް ހަނދާންވާކަމަށްވެސް މި ލައިވްގައި ބުނެފައެވެ.