މުނިފޫހިފިލުވުން

ރޭޕްގެ ތުޙުމަތުގައި ޓީވީ ތަރި ޕާލް ހައްޔަރުކޮށްފި


17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުޙުމަތުގައި ޓީވީ ޝޯ 'ނާގިން 3' އަދި 'ބްރަހަރަކްޝާ 2' ފެނިގެންދިޔަ ޓީވީ ތަރި ޕާލްވީ ޕޫރީ ހައްޔަރުކޮށްފިއެވެ. އިތުރު ފަސް މީހަކާއެކު ޕާލްވީ ހައްޔަރުކޮށްފައިވަނީ އަންހެންކުއްޖާ އެ މައްސަލަ ރިޕޯޓްކުރުމާއި ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު މުމްބާއީގެ ސިޓީގެ ވަސާއީ އިންނެވެ.

ވަސާއީ ޒޯންގެ ފުލުހުން ބުނީ 17 އަހަރުގެ އަންހެންކުއްޖާ އޭނާގެ މަންމައާއެކު ޕޮލިސް ސްޓޭޝަނަށް އައިސް މައްސަލަ ހުށަހެޅުމުން އިންޑިއަން ޕީނަލް ކޯޑް (އައިސީޕީ) އާއި 'ޕްރޮޓެކްޝަން އެގެއިނިސްޓް ޗިލްޑަރަން ފްރޮމް ސެކްޝުއަލް އޮފެންސަސް އެކްޓްގެ ދަށުން މި މައްސަލަ މިހާރު ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ޕާލްވީ އާއި އޭނާގެ ރައްޓެހިން މި ކުއްޖާ ރޭޕްކޮށްފައިވަނީ އެ ކުއްޖާއަށް ޓީވީ ޝޯއެއްގައި މަސަކަތްކުރަން ފުރުސަތު ދޭނެކަމަށް ބުނެ ތަނަކަށް ގެންގޮސްފައެވެ.

މި ކަމާއި ގުޅިގެން ޓީވީ ޕްރޮޑިއުސަރ އެކްތާ ކަޕޫރު ވަނީ ޕާލްވީގެ ދިފާޢުގައި ވާހަކަދައްކާފައެވެ. އެކްތާ ބުނީ އަންހެން ކުއްޖާގެ މަންމަ އާއި ވާހަކަދެއްކުމުގެ ފުރުޞަތު އޭނާއަށް ލިބިފައިވާކަމަށެވެ. އެކްތާ ބުނީ ޕާލްވީގެ މައްޗަށް އުފުލާފައިވަނީ ދޮގު ތުހުމަތުތަކެއްކަމަށް އެ ކުއްޖާގެ މަންމަ ބުނާކަމަށެވެ. އަދި އެ ތުހުމަތުތައް ޕާލްވީގެ މައްޗަށް އުފުލީ ކުއްޖާގެ ބައްޕަކަމަށްވެސް ކުއްޖާގެ މަންމަ ބުނާކަމަށްވެސް އެކްތާ ވަނީ ބުނެފައެވެ.

މި އަންހެން ކުއްޖާ ދިރިއުޅެމުން އަންނަނީ އޭނަގެ މަންމައާއި އެކުއެވެ. ބައްޕަ ޕާލްވީގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އެޅުވީ ކުއްޖާގެ މަންމައަށް އެ ކުއްޖާ ނުބެލޭކަން ސާބިތުކޮށްދީ ބެލެނިވެރިކަން އަތުލުމަށްކަމަށްވެސް ކުއްޖާގެ މަންމަ އާއި ހަވާލީ އެކްތާ ވަނީ ބުނެފައެވެ.

ޓީވީ ތަރި އަނީތާ ޙަސަންއަންދާނީވެސް ވަނީ ޕާލްވީ އާއެކު ނަގާފައިވާ ޕޮޓޯއެއް ޕޯސްޓްކޮށް އެއީ އެއްވެސް ކަހަލަ ހަޤީޤަތެއް އެކުލެވޭ ވާހަކައެއް ނޫންކަމަށާއި ހަޤީޤަތް ވަރަށް އަވަހަށް އެގޭނެކަމަށް ބުނެފައެވެ. މީގެއިތުރުން ޓީވީ އެކްޓްރެސް ކްރިސްޓަލް ޑިސޫޒާ އަދި ކަރިޝްމާ ތަންނާވެސް ވަނީ ޕާލްވީ ގެ ދިފާއުގައި ދައްކާފައެވެ.
ނަމަވެސް ޕާލްވީ އާއި ދެކޮޅަށް ހެކި އެބަހުރިކަމާއި އޭނާ ހައްޔަރުކޮށްފައިވަނީ މި ހެކިތަކަށް ބަލާފައިކަމަށް ކަމަށް ވަސާއީ ޕޮލިހުން ވަނީ ބުނެފައެވެ.