މުނިފޫހިފިލުވުން

އިލިއާނާގެ ކުރިއަށް އޮތް ފިލްމުން ވަރުގަދަ މެސެޖެއް


އިލިއާނާ ޑިކްރޫޒް ގެ ފިލްމުތަކުގައި އޭނާގެ އެކްޓިންނަށް އަބަދުވެސް ބެލުންތެރިން ތަޢުރީފް ކުރެއެވެ. އިލިއާނާގެ އެންމެފަހުގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ފިލްމު "އަންފެއަރ އެންޑް ލަވްލީ" އިންނެވެ. އިލިއާނާގެ އިތުރުން ބޮލީވުޑް ތަރި ރަންދީޕް ހޫޑާވެސް ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ހަމުގެ ކުލަ އަލި މީހުންނަށް އިންޑިއާގައި ގެންގުޅޭ ޚާއްޞަކަމާއި ހަމުގެ ކުލަ ކަޅު މީހުންނާއި ދޭތެރޭ ގެންގުޅޭ އިހާނެތި ގޮތުގެ މައްޗަށެވެ.

ފިލްމުގެ ވާހަކައިގެ މުހިންމުކަމާއިމެދު ވާހަކަ ދައްކަމުން އިލިއާނާ ބުނީ ކުލަ އަކީ ރީތިކަން ބަޔާން ކޮށްދޭ އެއްޗެއް ނޫންކަމަށާއި މި ވާހަކައަކީ ވަރަށް ރީތިކޮށް ލިޔެފައިވާ ވާހަކައެއް ކަމަށެވެ. އަދި ވާހަކައިގައި ހިމެނެނީ އިންސާނުންގެ އަމަލުތަކާއި އެންމެ ގުޅޭ ކަންތައްކަމަށްވެސް އިލިއާނާ ބުނެފައިވެއެވެ.

ސޮނީ ޕިކްޗާރސް ފިލްމުސްއިން ޕްރޮޑިއުސްކުރާ ސޯޝަލް ކޮމެޑީ ފިލްމު "އަންފެއަރ އެންޑް ލަވްލީ" ގެ ޑައިރެކްޓަރަކީ ބަލްވިންދު ސިންގެވެ. މިދިޔަ އަހަރު އޮކްޓޫބަރުމަހު ހަރްޔާނާގައި ފިލްމުގެ ޕްރިންސިޕަލް ޕޮޓޮގްރަފީގެ މަސައްކަތްތައް ފަށާފައިވާއިރު ނޮވެމްބަރުމަހު އެ މަސައްކަތް ނިންމައި މިހާރު ވަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތަށް ތައްޔާރުވެފައެވެ.

ހިންދީ އަދި ތެލުގޫ ފިލްމުތައްވެސް ކުޅެފައިވާ ބޮލީވުޑް ބަޠަލާ ހިންދީ ސިނަމާއަށް ތަޢާރަފްވީ 2012 ވަނަ އަހަރު ދެއްކި އަނޫރާގް ބާސޫގެ ފިލްމު "ބަރްފީ" އިންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ދެއްކި "މޭ ތެރާ ހީރޯ" ، 2016 ވަނަ އަހަރު ދެއްކި "ރުސްތަމް" ، 2017 ވަނަ އަހަރު ދެއްކި "ބާދް ޝާހޯ" އަދި 2018 ވަނަ އަހަރު ދެއްކި "ރެއިޑް" އިން ވެސް އިލިއާނާ ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން އިލިއާނާއަށް ވަނީ ފިލްމް ފެއަރ އެވޯޑްސްގެ އެންމެ މޮޅު އަންހެން ޑެބިއުގެ އެވޯޑް ފިލްމު "ބަރްފީ" އިން ލިބިފައެވެ.