ޚަބަރު

ކޯވިޑް-19 : މިއަދުގެ 3ވަނަ މަރާއެކު މަރުގެ ޖުމުލަ 161އަށް


ކޯވިޑް-19ގައ އިތުރު ދިވެއްސަކު އަނެއްކާވެސް ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ހަވީރު 3:00ގައި ނިޔާވެފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ އައިޖީއެމް ހޮސްޕިތަލްގެ އިމަރޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ މީހެކެވެ. މިއީ ރާއްޖެއިން މިބަލީގައި މިއަދު ނިޔާވި 3ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި މިއަދު ހެނދުނު ނިޔާވެފައިވަނީ ހުޅުމާލެ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި މިއަދު ހަވީރު 3:39 ހާއިރު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގެ އަސީޔޫގައި ފަރުވާދެމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިބަލީގައި މިއަދު ނިޔާވި 3 މީހުންނާއެކު މިހާތަނަށް ރާއްޖެއިން 161 މީހަކުވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ.

ކޯވިޑްގައި މިމަހުގެ ތެރޭގައި މިހާތަނަށް 88 މީހަކު ވަނީ މަރުވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް 121 މީހަކު މިވަނީ މިބަލީގައި ދުނިޔެ ދޫކޮށްފައެވެ. މީގެއިތުރުން މިމަހުގެ މިހާތަނަށް 30،000އަށްވުރެ ގިނަ މީހުން ވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ކޯވިޑްގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ހަރުކަށި ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މިހާލަތުގައި ޞިއްހީ މާހިރުންގެ އިރުޝާދުތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގަވާފައެވެ.