ޚަބަރު

ގަލްފުގެ ޤައުމުތަކުގެ އިސްތިޤުލާލަށް އިޙްތިރާމް ކުރަންޖެހޭ: ޗައިނާ


ގަލްފުގެ ޤައުމުތައް ހިމެނޭ ގޮތަށް މެދުއިރުމަތީގެ ޤައުމުތަކުގެ އިސްތިޤުލާލަށް އިޙްތިރާމް ކުރަން ޖެހޭ ކަމަށާއި، ކިއުބާ އާ ދެކޮޅަށް ދެމުންދާ އިންޒާރުތައް ހުއްޓައިލަން ޖެހޭ ކަމަށް ޗައިނާއިން އދގެ އާންމު މަޖިލީހުގައި ބުނެފިއެވެ.

އދގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޗައިނާގެ ނައިބު ރައީސް ހަން ޖާންގ ވިދާޅުވީ ބޮޑެތި ޤައުމުތަކުން ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތްކަން ރައްކާތެރި ކުރުމަށް ޚާއްޞަ ޒިންމާއެއް ޢަދާ ކުރަން ޖެހޭ ކަމަށެވެ. ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލު ކުރުމުގައި އެ ފަދަ ޤައުމުތަކުން އިސްނަގަން ޖެހޭ ކަމަށާއި، ޤާނޫނު ނަގަހައްޓައި އެންމެ ރަނގަޅަށް ޢަމަލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖާންގގެ ވާހަކަފުޅުގައި ވަކި ޤައުމެއްގެ ނަން ބަޔާން ކުރައްވާފައި ނުވި ނަމަވެސް އޭނާ ވާހަކަ ދައްކަވާފައި ވަނީ އެމެރިކާއާ ގުޅޭ ގޮތުން ކަމަށް ބެލެވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދީ ހަނގުރާމަ ފަށާފައިވާއިރު، އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ މަސްލަހަތުތަކަށް ދަނީ ހަމަލާތައް އަމާޒުވަމުންނެވެ. އަދި އެމެރިކާއިން ދަނީ ކިއުބާއަށް ފިއްތުންތައް ކުރިމަތި ކުރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ސަބަބުން ކިއުބާއަށް ތެޔޮ ލިބުމަށް ވަނީ ދަތިވެފައެވެ.

ޗައިނާއިން މި ފަދަ މޭރުމަކުން ވާހަކަ ދައްކާފައި މި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރައްވާފައި ވަނިކޮށެވެ. ޓްރަމްޕް ވަނީ ޗައިނާގެ ރައީސްއަށް ހޫނު މަރުޙަބާއެއް ކިޔުއްވައިފައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ޗައިނާއިން އީރާނަށް ވާގިވެރި ނުވުމަށް ގޮވާލައްވައިފައެވެ.