ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ)ގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ މަހުގެ 12ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޙާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ ވޯޓުލާ މަރުކަޒަކަށް 1 މަންދޫބަކު އައްޔަން ކުރެވިދާނެކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. މޮނިޓަރުންނަށް ހަރަކާތްތެރިވާ ނޫސް މަޖައްލާތަކުގެ ތެރެއިން ވޯޓުލާ މަރުކަޒުތަކުގައި ކޮންމެ އިދާރާތަކުން 2 މީހަކަށް ހަރަކާތްތެރި ވެވިދާނެކަމަށެވެ.
މީގެ އިތުރުން އޮބްޒާވްކުރުމަށްޓަކައި އެކަމަށް އެދޭ ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާޖަމާޢަތްތަކާއި އަމިއްލަ ފަރުދުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އޮބްޒާވަރުން، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 30 ވާ އާދީއްތަ ދުވަހުގެ 09:00އިން ފެށިގެން، ޖޫން މަހުގެ ފުރަމަތަ ދުވަހުގެ 14:00އާ ހަމައަށް ކަމަށް އިލެކްޝަނުން ވަނީ ވިދާޅުވެފައެވެ.
އެލްޖީއޭގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.