އިންޓަނެޓަކީ އަސާސީ ޚިދުމަތެއް ކަމަށާއި އަލަށް އިއުލާންކުރި ބަދަލުތަކަށްވުރެ ހެޔޮ ބަދަލުތަކެއް އިންޓަނެޓަށް ގެނައުމަށް މަސައްކަތްކުރަމުންގެންދަވާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ގެންނެވި ބަދަލުތަކަކީ ރަނގަޅު ފެންވަރުގެ ޚިދުމަތެއް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން އެޅި ފުރަތަމަ ފިޔަވަޅުކަމަށާއި މިޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އަލަށް ޢިއުލާންކުރި އަގުތަކާއި ސްޕީޑަށްވުރެވެސް ރަނގަޅު ޚިދުމަތެއް ދިނުމަށް އިތުރަށް މަޝްވަރާތައް ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ ޒަމާނަށް އައިސްފައިވާ ބަދަލާއެކު އިންޓަނެޓަނީ އަސާސީ ޚިދުމަތަކަށްވެފައިވާކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރައްވަނީ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެންވަރު ރަނގަޅު ރައްޔިތުން އިތުބާރުކުރާ އިންޓަނެޓްގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްކަމަށް ޝައުނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ގިނަ ރަށްރަށުގައި އަދިވެސް ފިކްސްޑް ލައިންސް ބޭނުން ނުކުރޭ. އެހެންކަމުން މިގެނައި ބަދަލާއެކު ބޮޑު އާބާދީއަކަށް އޭގެ މަންފާކުރާނެ. އަޅުގަނޑު ދަންނަވާނީ މިއީ ހަމަ ފެށުމެކޭ. އަދި މިއަށްވުރެވެސް ރަނގަޅު ސްޕީޑާއި އަގުތަކެއް ގެނައުމަށް މިދަނީ މަސައްކަތްކުރަމުން. އެކަމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބައިވަރު." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
އިންޓަނެޓަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒްކުރުމަށާއި މިހާރު ޤައުމު ތަރައްޤީވެފައިވާ ހިސާބުން އެހެން ހަރުފަތަކަށް ދިޔުމަށްވެސް ފެންވަރު ރަނގަޅު އިންޓަނެޓް މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ސީދާ އިސްނެންގެވުމުގެ މަތިން މިދާއިރާއިން ޒުވާނުން ކުރިއަރުވައި އެމީހުންގެ ހުނަރު ބޭނުންކުރެވޭނެ މަގުފަހިކޮށްދިނުމަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
"މިއަދު ޢިއުލާންކުރި އަގުތަކަށް ބަދަލެއް ގެނައުމަށް އިތުރު މަހެއްގެ މުހުލަތު މިދެނީ ޚިދުމަތްދޭ ފަރާތްތަކުން އެދޭ ވަގުތު ދިނުމަށް. އެބޭފުޅުންގެ ބިލިންގެ ކަންކަމާއި އެހެނިހެން ޓެކްނިކަލް ކަންކަން ކުރުމަށް އެދިވަޑައިގަތް މުއްދަތު ދިނުމުގެ ގޮތުން ދޭ ވަގުތެއް މިއީ." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ރަސްމީކޮށްދޭން ފެށިފަހުން މިވީ 78 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ރަސްމީގޮތެއްގައި ކަމާބެހޭ ފަރާތްތަކުން ރެގިއުލޭޓްކޮށް ޚިދުމަތުގެ ފެންވަރު ބަލަމުންދާނެ ގޮތަކަށް މިހާރުވަނީ ޚިދުމަތް ބައްޓަންކޮށްފައެވެ.
އަލަށް އެކުލަވާލާފައިވާ ޚިދުމަތުގެ އަގުތަކުން އެންމެ ދަށް ޕެކޭޖުގައިވެސް 2 އެމްބީޕީއެސްއަށްވުރެ ސްޕީޑު ދަށްނުވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިހެން މިކަން ހިންގަމުންދޭތޯ ކޮމިއުނިކޭޝަންސް އޮފް މޯލްޑިވްސްއިން ބަލަމުންގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އިންޓަނެޓްގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޚިދުމަތަކަށް ހަދާނެކަމުގެ ޔަގީންކަން ސަރުކާރުންދެއްވައެވެ.