ޚަބަރު

އެންވަޔަރަންމަންޓް މިނިސްޓަރަަކަށް ޝައުނާ އައްޔަން ކުރެއްވުމަށް ކޮމިޓީން ރުހުންދީފި


މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރެއްވުމަށް ކޮމިޓީން ރުހުން ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީން މިނިސްޓަރުކަމަށް ޝައުނާ އައްޔަން ކުރެއްވުމަށް ރުހުން ދެއްވާފައިވާނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަންނަ ހަފްތާގައި ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި ޝައުނާއަށް ރުހުން ދިނުމަށް ވޯޓަށް އެހިގެންދާނެ ކަމަށް ބެލެވެއެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކޮނޯލިޖީ މިނިސްޓަރަކަށް އައްޔަން ކުރެއްވި ޝައުނާ މީގެ ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ. ޝައުނާއަށް ވަޒީރުކަން ހަވާލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރުގެ މަޤާމުގައި ހުންނެވި ޑރ ހުސެއިން ރަޝީދު ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރައްވައި އެންވަޔަނރަމަންޓް މިނިސްޓްރީއާއި، ޓެކްނޯލޮޖީ މިނިސްޓްރީ އެއްކޮށްލުމަށްފަހުގައެވެ.

ސައިންސް އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އުވާލެއްވުމުން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ހުރިހާ މަސައްކަތްތަކެއް ކުރައްވަނީ އަލަށް އުފެއްދެވި މިނިސްޓްރީންނެވެ. އަދި އެ މިނިސްޓްރީގައި ތިބި ހުރިހާ މުވައްޒަފުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުވެގެންދާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ސަރުކާރު ހިންގެވުމަށް ބަދަލުތަކެއް ސަރުކާރުން ގެންނަވާފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުން މާލެއިން އެމްޑީޕީއަށް ނާކާމިޔާބުވުމުން އެކަމާއި ގުޅޭ ކަންކަން ދިރާސާކުރައްވާ ސަރުކާރު ހިންގެވުން އިތުރަށް ހަރުދަނާ ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވުމަށްފަހުއެވެ. އަދި ސަރުކާރުގެ ވައުދުތައް ފުއްދެވުމަށް އިތުރު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.