ޚަބަރު

ސްމާޓް އައިޑީ ކާޑު ތަޢާރަފުކޮށް ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް ހަދަނީ


  • އެމީހެއްގެ އަމިއްލަ ރެކޯޑްސް ބެލެހެއްޓޭނެ

  • ފިންގަރ ޕްރިންޓާއެކު ޗިޕެއްވެސް ހިމެނޭ

ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ރާއްޖެއަށް ޒަމާނީ "ސްމާޓް އައިޑީ ކާޑު" ތަޢާރަފުކޮށް، އެ ކާޑު މެދުވެރިކޮށް މާލީ މުއާމަލާތްތަކާއި އެހެނިހެން ޚިދުމަތްތައް ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން ވަކިވަކި އިދާރާތަކުން ދެމުން އަންނަ ޚިދުމަތް އެއް ޕްލެޓްފޯމަކަށް ބަދަލުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިހާތަނަށް އައިރު އުމުރުން 10 އަހަރުން މަތީގެ ދެލައްކަ ހަތްދިހަ ދެހާސް ދިވެހިން ޑިޖިޓަލް އައިޑީ ނިޒާމްގެ ބޭނުންކުރަމުންދެއެވެ. އެއީ އެ އާބާދީގެ %80 މީހުންނެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މުހިންމު ސިނާޢަތްތަކާއި ދާއިރާތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތް ކަމަށްވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނިޒާމު ޒަމާނީކޮށް، "ސްމާޓް އައިޑީކާޑު"ގެ ނަމުގައި ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބަދަލު ގެނައުމަށް އަމާޒު ހިފާފައިވާއިރު، މި އާ ކާޑަކީ ފައިސާގެ މުޢާމަލާތްތަކަށްވެސް ބޭނުންކުރެވޭނެ ފަދަ ތަފާތު ލުއިފަސޭހަ ނިޒާމަކަށް ވާނެކަމަށެވެ.

"އެ ކާޑުން ގިނަ ކަންކަން ކުރެވޭނެ، ތަންތަނަށް ޚިދުމަތް ހޯދަން ދިޔުންވެސް ޚިދުމަތް ލިބިގަތުންކަމަށްވިއަސް، ހުރިހާކަމެއްވެސް އެކާޑުން އެމީހެއްގެ އަމިއްލަ ރެކޯޑްސް ބެލެހެއްޓުން ކަމުގައިވިއަސް އެކަން ކުރެވޭ ގޮތަށް ފިންގަރ ޕްރިންޓުން ބިލްޓު ކާޑެއް ތަޢާރަފްކުރަނީ" ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް އިޤްތިޞާދު ފުޅާކޮށް، 2030ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ އެއް ތަނބެވެ. މިކަން ހާސިލްކުރުމުގެ ޢަމަލީ މަސައްކަތްތަކެއް ސަރުކާރުން މިވަނީ ފަށާފައެވެ. މިމަސައްކަތް ނިމޭއިރު، ދައުލަތުން ފޯރުކޯށްދޭ ހުރިހާ ޚިދުމަތަކީވެސް، ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ހޯދޭހާ ފަސޭހަ ޚިދުމަތަކަށް ވެގެންދިއުމަކީ ސަރުކާރުގެ އަމާޒަކެވެ.

އެ އަމާޒަށް ވަސިލުވުމަށް ސަރުކާރުން ނިންމާފައިވަނީ މައިގަނޑު 3 ކަމެއް ފުރިހަމަކޮށްގެންނެވެ. އެއީ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ޒަމާނީ ފެންވަރުގެ، ޑިޖިޓަލް އައިޑީއެއް ތައްޔާރު ކުރުމާއި، އިދާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން، ނިޒާމަށް ދެވޭ ސައިބަރ ހަމަލާތަކުން ރައްކާތެރިވެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމެވެ. މިހާރު ބޭނުން ކުރަމުންދާ އީ-ފާސް ޑިޖިޓަލް އައިޑީއަށް، ޒަމާނީ ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމާފައިވާ މި ބަދަލުތަކާއި އެކު ރައްޔިތުންގެ މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.