ކޯވިޑް-19

ކޯވިޑް-19 : ވިޔަފާރިކުރާ ތަންތަނުން ޚިދުމަތް ދިނުމުގައި އަމަލުކުރަންވީގޮތުގެ އުޞޫލު އާއްމުކޮށްފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާއި ގުޅިގެން ގްރޭޓަރ މާލޭ ސަރަޙައްދުގައި ހުއްދަ ހޯދައިގެން ވިޔަފާރިކުރާ ތަންތަނުން ޚިދުމަތް ދިނުމުގައި އަމަލުކުރަންވީގޮތުގެ އުޞޫލު އާއްމުކޮށްފިއެވެ.

ރާއްޖޭގައި ކޯވިޑް-19 ގެ ޙާލަތު ގޯސްވުމާގުޅިގެން، މާލޭ ސަރަޙައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން ޖޫން 9 ގެ ނިޔަލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ނިންމަވާފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ކެފޭ/ރެސްޓޯރެންޓްތަކުގެ އެތެރޭގައި ތިބެ ކެއުމާއި ޓޭކްއަވޭ ޚިދުމަތް ދިނުން މަނާވާނެއެވެ. އަދި ހެނދުނު 6 އިން ރޭގަނޑު 12 އަށް ހުއްދަ ނަގާފައިވާ ފިހާރަ، ކެފޭ/ރެސްޓޯރަންޓުތަކުން ޑެލިވެރީގެ ޚިދުމަތްދެވޭނެއެވެ. އެހެންނަމަވެސް ފިޔަވަޅުތަކާ ގެނެވުނު ބަދަލުތަކާއެކު ކާފިއު ގަޑީގައި ފިހާރަ، ކެފޭ/ރެސްޓޯރަންޓްތަކުން ޑެލިވަރީ ނޫން ގޮތަކަށް ޚިދުމަތްދޭނަމަ އެތަނެއް 5000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން ހުއްދައަށް އެދެންޖެހޭނީ، ހަމައެކަނި އެ ވިޔަފާރިއެއްގެ މުވައްޒަފުންނަށް ކަމަށެވެ. އެ މިނިސްޓްރީން ވަނީ މުދާ ވިއްކާ ތަންތަނާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި، ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުން އޮފީހުގައި މަސައްކަތްކުރުމަށް ހުއްދައަށް އެދުމުގައި ޢަމަލުކުރަންވީގޮތުގެ އުޞޫލު އާއްމުކޮށްފައެވެ.

އެގޮތުން މުދާ ވިއްކާ ތަންތަނާއި، ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދެވޭނީ، އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 6.00 އިން މެންދަމު 12.00 އަށެވެ. އަދި މުދާ ވިއްކާ ތަންތަން ޢާންމުންނަށް ހުޅުވާލައިގެންނާއި، ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު، ހެނދުނު 8.00 އިން ހަވީރު 4.00 އަށެވެ.

މިފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް /https://www.police.gov.mv/permit މެދުވެރިކޮށް ހުއްދަ ހޯދުމަށް އެދެވޭނެއެވެ. އަދި ކޮންމެ ތަނަކަށް، 2 ސަޕޯޓް ސްޓާފް އަދި 2 ޑެލިވަރީ ސްޓާފުންނަށް ހުއްދަ ދޫކުރެވޭނެއެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ، [email protected] އަށް އިކޮނޮމިކް މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން، އިތުރަށް ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރެވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ އިތުރުވާނަމަ، 2 ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޮންމެހެން އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކަށް މުވައްޒަފުން އޮފީހަށް ދިޔުމަށް ބޭނުންވާ ވިޔަފާރިތަކުން، ކޮންމެ މުވައްޒަކުގެ ޑިއުޓީ ގަޑި އަދި ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު [email protected] އަށް އެކަމަށް ޚާއްސަކޮށްފައިވާ އެކްސެލް ޝީޓް ފުރިހަމަކުރުމަށްފަހު ފޮނުވުމުން ހުއްދަ ދޫކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މީގެ ތެރޭގައި، އެއަރޕޯޓުގައި މަސައްކަތްކުރަންޖެހޭ މުވައްޒަފުން، އެއަރލައިންތަކުގެ މުވައްޒަފުން އަދި ސްޓޫޑިއޯއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ގޮސްގެން މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށް އެ ވިޔަފާރިއަކުން، މަސައްކަތްކުރާ ތަނުގެ ތަފްޞީލާއިއެކު ހުއްދަ ހޯދުމަށް އެދި ހުށަހެޅިދާނެކަމަށާއި، އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމްލަ މުވައްޒަފުންގެ ޢަދަދު 10 އަށްވުރެ އިތުރުވާނަމަ، 2 ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ވިޔަފާރިތަކުން މުދާ ފޯރުކޮށްދިނުމަށް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޫކޮށްފައިވާ ހުއްދަ އޮތް މުވައްޒަފުން މަސައްކަތަށް ދިޔުމަށް ބޭނުންކުރާ ވެހިކަލަށް މޯލްޑިވްސް ޕޮލިސް ސަރވިސް ނުވަތަ އެ މިނިސްޓްރީން ހުއްދައެއް ނަގާކަށެއް ނުޖެހޭނެކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން ވިޔަފާރީގައި ބޭނުންކުރާ ވެހިކަލަކަށް ހުއްދަ ދީފައިވާނަމަ، އެ ވެހިކަލެއް ދުއްވާ މުވައްޒަފަކަށް ހުއްދަ ނަގަންޖެހޭނެކަމަށާއި، އެ ހުއްދައަށް އެދޭނީ، [email protected]  އަށް މުވައްޒަފުންގެ ތަފްޞީލު ފޮނުވައިގެންކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.