ޚަބަރު

މާލެ ފުރަބަންދުކުރަން އަދި ނުނިންމާ - މަބްރޫކް


ކޯވިޑު-19އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ފުރަބަންދުކުރަން އަދި ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައި ވުމުގެ ސަބަބުން އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ފުރަބަންދަކަށް ދިއުމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުން ރައީސުލް ޖުމްހޫރިއްޔާއަށް ހުށައަޅަފައިވާކަމަށްބނެ ބައެއް މީޑިއާތަކުގައި ފަތުރަމުން އަންނަ ޚަބަރުތަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މަބްރޫކް ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

މާލެ ސަރަހައްދު ފުރަބަންދުކުރަން އަދި ނުނިއްމިނަމަވެސް މާހާރުވެސް ވަނީ ކޯވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ ރައްކާތެރިކަަމަށްޓަކައި އަޅާފައި ހުރި ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި ވެހިކަލްތައް ދުއްވުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ސަރުކާރު އޮފީސްތައްވެސް ވަނީ މި ފެށޭ ހަފްތާގެ ނިޔަލަށް ބަންދުކޮށްފައެވެ.

މީގެ އިތުރަށް ކޮލްޖެ ޔުނިވަރސިޓީތަކާއި ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދުނމަށް ވަނީ ނިންމާފައެވެ. އަދި މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެތަކެއް ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު އިއްޔެވެސް ވަނީ 2000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ގިނަ ބަޔަކު ޕޮޒިޓިވްވިނަމަވެސް އަތޮޅުތަކުންވެސް ފަހަޖަށްއައިސް ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން 50،000އަށް ވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.