ޚަބަރު

މަރުކަޒީ ބާރުވެރިކަަން ދޫކޮށްލައި، ލާމަރުކަޒީ ރާއްޖެއަކަށް ހެދުމުގެ ތަސައްވުރު ހަޤީޤަތަކަށް!


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އައުމަށް ރައްޔިތުންނަށް އެންމެބޮޑަށް ވިއްކި އެއްސިޔާސަތަކީ ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމެވެ. މަރުކަޒީ އުސޫލުން ބާރުވެރިކަން ހިފެހެއްޓި އަތޮޅުތަކަށް ލިބެންޖެހޭ ތަރައްޤީ މާލޭގެ މައި ސަރުކާރުގެ ތެރޭގައި އޮބަހެއްޓިފައި އޮންނަ އޮތުން ދޫކޮށްލުމަށެވެ.

ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިންގައިވެސް އެންމެ ބޮޑު އިސްކަމެއް ދެއްވީ ރަށްރަށަށް ގޮސް ލާމަރުކަޒީ ނިޒާމް ޕްރޮމޯޓްކޮށް، ރަށްރަށަށް ބާރު ދިނުމުގެ މުހިއްމުކަން ރައްޔިތުންނަށް ވިސްނައިދިނުމަށެވެ. އަދި އެ ބާރުވެރިކަން ހޯދައިދޭން ގިނަ ވައުދުތަކެއްވެސް ވެވަޑައިގެންނެވިއެެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިންތިޚާބުވުމަށްފަހުވެސް އެމަނިކުފާނުގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ފެނިގެން ދިޔައީވެސް ހުވާކުރެއްވުމުގެ ކުރިންވެސް ލާމަރުކަޒީ ބާރުވެރިކަން ހޯދުމަށް ފެއްޓެވި މަޝްވަރާތަކެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އޭރުގެ ސަރުކާރުން ޤާނޫނަށް ގެނައި ބަދަލުތަކާއި، ހިފެހެއްޓިފައިވާ އެންމެހައި ބާރުތައް ދޫކޮށްލުމަށް ޤާނޫނަށް ގެންނަންޖެހޭ މަޝްވަރާތައް ފެއްޓެވީ "ޖަޒީރާ ހޮޅުއަށި"ގެ ނަމުގައި ބޭއްވި ޚާއްސަ ފޯރަމުންނެވެ.

މި ފޯރަމްތަކުގައި އެކި ސިނާއަތްތަކުގެ ބޭފުޅުންގެ މަޝްވަރާއާއި ލަފާ އޮޅުންފިލުއްވައި އެކަންކަން އަޑު އައްސަވައި، ޤާނޫނަށް އެނުކުތާތައް ތިރިކުރައްވަން މޭސްތިރިޔަކަށް ވެވަޑައިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުއެވެ. އެމަނިފާނު ވަނީ މިހާރު ހުރި ބާރުތައް ދޫކޮށް އޭރު ގެންނަން ބޭނުންވާ އިސްލާހުތައް ރައްޔިތުންނަށް އެކި ފޯރަމްތަކުގައި ހިއްސާ ކުރައްވާފައެވެ.

"ބާރުތައް ބަހާލެވި ރާއްޖެ ތަރައްޤީ ކުރުމުގައި މިއަށްވުރެ ރަނގަޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގެން އެބަޖެހޭ." ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބޭއްވި ޖަޒީރާ ސައްލާގައި ރައީސް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވެރިކަމާއި ހަވާލުވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ދެއްވި އެކި ޚިތާބުތަކުގައިވެސް އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީވެސް ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގެނައުމުގެ ވާހަކައެވެ. ރަށްރަށަށް ކުރެއްވި ދަތުރުފުޅު ތަކުގައިވެސް އެމަނިކުފާނުވަނީ ހަގީގީ ތަރައްޤީއާއި ހަމައަށް ވާސިލްވުމަށް މި ނިޒާމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސްތަކެއްއްގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ސަރުކާރުން ވަނީ މަޖިލީހަށް ބިލް ހުށަހަޅާފައެވެ.

ޤާނޫނަށް ހުށަހެޅުނު އިސްލާހުތަކާއިއެކު މަޖިލީހުގެ މެމްބަރުންގެ މަސައްކަތުން ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީޤު ކުރެއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ދުވަހެއެވެ. ބޮޑެތި އިސްލާހުތަކާއިއެކު ލާމަރުކަޒީ ނިޒާމުގެ ފުރިހަމަ ފޮނި މީރުކަން ލިބިދިނުމަށް ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން ކުރައްވަމުން ގެންދެވި މަސައްކަތަށް ހިޔަނި އެޅިގެންދިޔައީ ކޯވިޑްގެ ބަލިމަޑު ކަމެވެ.

ކޯވިޑް-19 އާއި ގުޅިގެން ޤާނޫނަށް ގެނައި އިސްލާހުތަކާއިއެކު އަލަން އިންތިޚާބު ކުރަންޖެހޭ ކައުންސިލަރުންނަށް އިންތިޚާބެއް ނުލިބި އަހަރެއް ފާއިތުވެގެން ދިޔަކަމީ ހަގީގީ ލާމަރުކަޒީ ނިޒާމުގެ މަސައްކަތް ނުފެށި ލަސްވި އެންމެބޮޑު ސަބަބެވެ.

ނަމަވެސް މިމުއްދަތުގެ ތެރޭގައިވެސް ރައީސުލްޖުމްހޫރިއްޔާ ވެރިކަމާއި ހަވާލުވުމަށްފަހު މަރުކަޒީ ބާރުތައް ލާމަރުކަޒީ އުސޫލުން ހިންގެވުމަށް ފެއްޓެވި މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލުތައް ގާއިމްކުރުމާއި، މިހާރު ހުރި ހޮސްޕިޓަލުތަކާއި، މަރުކަޒުތައް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރެވުނު މަސައްކަތަކީ މިހާތަނަށް އަތޮޅުތެރޭގައި ކުރެވުނު ތަރައްޤީގެ އެންމެބޮޑެތި މަސައްކަތްތަކުގެ ގޮތުގައި އެމަނިކުފާނު ގަބޫލުފުޅުކުރައްވައެވެ.

"މަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހައްމަލުކުރަންޖެހޭ ތަކުލީފުތައް، އަޅުގަނޑުމެން އެމްޑީޕީއަށް އަބަދުވސް ވަރަށް ސާފު. އެމަންޒަރާއި އޭގެ ތަޖުރިބާ، އަޅުގަނޑުމެން މިތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް، އަޅުގަނޑުމެންގެ އެބައޮތް. އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް، އެބާރުތައް، އޭގެ ހަޤީޤީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާކުރިން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު ޕްރޮޖެކްޓް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މަރުކަޒީގޮތުން މާލެއަށް ޖަމާވެފައިވާ ބާރުތައް ކޮންމެ ވެރިޔަކު ވެރިކަމާއި ހަވާލުވުމަށްފަހު ދޫކޮށްލާ ވާހަކައަކީ ދިވެހިން ނުހަނު ގިނައިން އަޑު އަހާ ވާހަކައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިވައުދަކީވެސް ދިވެހިން ހަމަ މިފަދައިން އަޑު އެހި ވާހަކައެވެ. އަދި ވިދާޅުވި ގޮތަށް ބާރުތައް ދޫކޮށްލައްވައި، ކައުންސިލްތަކަށް ޤާނޫނުގައި މަތިކޮށްފައިވާ ހުރިހާ ބާރެއް ފުރަތަމަ ދުވަހުން ފެށިގެން ދޫކޮށްލެއްވި ކަމަކީ މިނިޒާމަށް އެމަނިކުފާނު ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީވެސް އަތޮޅު ތެރޭގެ ބޭފުޅަކަށްވާއިރު، އަތޮޅު ތެރޭގެ ރައްޔިތުންނަށް ތަރައްޤީ ނުބިލި އޮތީ ކީއްވެ ކަމާއި، ކިހާހިސާބަކުން ބާރުތައް ހަނިވާތީކަން އެންމެ ރަނގަޅަށް އެގޭނެ ރައީސަކީވެސް އެމަނިކުފާނެވެ.

ލާމަރުކަޒީ ނިޒާމަށް މިއަހަރު 12 އަހަރު ފުރިގެންދިޔައިރު، ރައްޔިތުންނަށް ލިބިގެން މިދިޔަ ޤާނޫނީ ބާރުވެރިކަމާއެކު ރައްޔިތުންނާއި ސަރުކާރުންވެސް އެންމެބޮޑަށް އުއްމީދު ކުރަމުންދަނީ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމެވެ. މިކަން ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ފަދައިން މިހާރު ކައުންސިލްތަކަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ކުރެވޭނެ އެއްވެސް ޝަކުވާއެއް ނެތެވެ. އޮތީ ރައްޔިތުން އެދޭފަދަ ތަރައްޤީ ހާސިލްކޮށް ދިނުމަށް މަސައްކަތް ކުރުމެވެ. ނަތީޖާ ރަނުން ރަނަށް ނެރެދެއްވުމެވެ.