ޓެކްނޮލޮޖީ

ރާއްޖެއާއި ބޭރުދުނިޔެ ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ޤާއިމުކުރަނީ


މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރު ރަނގަޅުކުރުމަށްޓަކާ ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާގެ ޙިޠާބުގައި ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަސް މި އަހަރުވެސް ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، ކޯވިޑް-19 އިން އަރައި ނުގަނެވި އުޅެނިކޮށްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ޙާލަތުގައި މުޅި ދުނިޔެއަށް އަދި ރާއްޖެއަށްވެސް، ޓެލެކޮމިއުނިކޭޝަނާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުންތެރިކަން އިހުނަށްވުރެ އެތައް ގުނައެއް މިހާރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝައުނާ ވިދާޅުވީ، ކޯވިޑް-19ގެ ސަބަބަން، މުޖްތަމަޢުތައް ނުހުއްޓި ހިނގަމުން ދިއުމުގައި އައި.ސީ.ޓީ ވަސީލަތްތައް އަދާ ކުރާ މުހިއްމު ދައުރު ދުނިޔެއަށް ހާމަވެގެންގޮސްފައިވާކަމަށެވެ. އެއާއެކެ ޤައުމުތަކުގެ މެދުގައި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމުގައި ހުރި ފަރަގުވެސް ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން މި އަހަރުގެ ޝިއާރަކީ، ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް އިތުރަށް ހަލުވިކަމާއެކު ބާރުސްޕީޑްގައި ކުރިއަށް ގެންދިއުމަށް ޤައުމުތަކަށް ލިބޭ ހިތްވަރެކެވެ.

ރާއްޖޭގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ، މީގެ 78 އަހަރު ކުރިން ތަޢާރަފް ކުރި މި ޚިދުމަތަށް މިއަދު ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށެވެ. އެގޮތުން ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިތުރުން، ރާއްޖޭގެ އެތެރޭގައިވެސް ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕްރައިވެޓް ސެކްޓަރއިން ކުރައްވާފައިވާ މަސައްކަތްތައް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ، ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް މިހާރު ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަމަށެވެ.

މިޚިދުމަތް ރަށުފެންވަރުގައި ފޯރުކޮށްދިނުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކުރަމުން އަންނަ މަސައްކަތްތައްވެސް މިނިސްޓަރގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި، 4ޖީގެ ޚިދްމަތް ފޯރާފައިވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖެއަށް ތަޢާރަފުކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ އައި.ސީ.ޓީ ދާއިރާއަށް އައިސްފައިވާ ކުރިއެރުން ފާހަގަކުރާއިރު، މި ދާއިރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށްވެސް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ. އެގޮތުން އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރާއިމެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާ، ރައްޔިތުންގެ އިޙުސާސްތަކަށް ރިޢާޔަތްކޮށް، އިންޓަރނެޓް ޚިދުމަތުގެ އަގުތަކާއި ފެންވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖެއާއި ބޭރުދުނިޔެއާއި ގުޅުވާލަދޭ އިތުރު ސަބްމެރީން ކޭބަލްތައް ކުރިމަގުގައި ޤާއިމްކުރުމަކީވެސް މުވާސަލާތީ ޚިދުމަތްތަކުގެ އަގުތަކާއި ފެންވަރަށް ހެޔޮބަދަލުތައް ގެނައުމަށްޓަކައި ސަރަކާރުގެ ސިޔާސަތުތަކުގެ ތެރެއިން ކުރަމުންދާ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި ބަދަލުތަކުގެ ހެޔޮ އަސަރު ދިވެހި އިޤްތިޞާދަށް ލިބި، ދިވެހިން އެދޭ ތަރައްޤީ ހޯދުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ.