ވަރަށް ތަފާތު ވާހަކައެއް ކިޔައިދޭ ކުރުވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު "މެރީ ކުރިސްމަސް" އަންނަ ޖޫން މަހު ރިލީޒް ކުރެވޭތޯ ބަލާ ކަމަށް ފިލްމުގެ ޑައިރެކްޓަރ ސްރީރާމް ރާގަވަން ބުނެފިއެވެ. ލީޑް ރޯލުން ބޮލީވުޑްގެ ބަޠަލާ ކެޓްރީނާ ކައިފް އަދި ތަމަޅަ އެކްޓަރ ވިޖޭސެތުޕަތީ ފެނިގެންދާނެ މި ފިލްމަކީ އިންޓަވަލް ނުހިމެނޭ ގޮތަށް ހަދާފައިވާ 90 މިނިޓްގެ ފިލްމެކެވެ.
މެއި މަހުގެ މެދުތެރޭގައި ދެއްކުމަށް ކުރިން ހަމަޖެހިފައިވާ މި ފިލްމު ފަސްކުރަން ޖެހުނީ އިންޑިއާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މުޅި އިންޑިއާ ކަހަލަ ގޮތަކަށް ފުރަބަންދު ކޮށްފައި އޮތުމުގެ ސަބަބުންނެވެ. މުމްބާއީ ގޯއާ އަދި ޕޫނޭގައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން 30 ދުވަހުން ނިންމާލެވޭނެކަމަށް ޚަބަރުތައް ބުނެއެވެ.
2018 ވަނަ އަހަރު ދެއްކި އަޔުޝްމާން ކުރާނާ ލީޑް ރޯލުން ފެނިގެންދިޔަ ފިލްމު "އަންދާދުން" ވެސް ޑައިރެކްޓަރ ސްރީރާމް އަކީ ކާމިޔާބު ތްރިލަރ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. ސްރީރާމްގެ އެންމެ ފަހުގެ ފިލްމު "އަންދާދުން" އަށް ވަނީ ފިލްމު ފެއަރގެ އެންމެ މޮޅު ކްރިޓިކްސް އެވޯޑާއި އެންމެ މޮޅު ހިންދީ ފިލްމު އަދި އެންމެ މޮޅު ސްކްރީންޕްލޭ އެވޯޑް ލިބިފައެވެ. މީގެ އިތުރުން އަޔުޝްމާނަށް އެ ފިލްމުން ވަނީ އެންމެ މޮޅު އެކްޓަރުގެ ޤައުމީ އެވޯޑްވެސް ލިބިފައެވެ.
ތަމަޅަ އެކްޓަރ ސެތުޕަތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޮލީވުޑް ތަރި ޝާހިދު ކަޕޫރާއެކު ރާޖް ނިދިމޯރް އަދި ކްރިޝްނަރ ޑީކޭގެ ވެބް ޝޯ އިންނެވެ. މީގެ އިތުރުން ސަންތޯޝް ސިވަންގެ އެކްޝަން ތްރިލަރ ފިލްމު "މުމްބައިކަރު" އިންވެސް ސެތުޕަތީ ފެނިގެންދާނެއެވެ. މި ފިލްމަކީ ތަމަޅަ ފިލްމު "މާނަގަރަމް" ގެ ރީމޭކެކެވެ. މި ފިލްމުގެ ޝޫޓިންތައް ނިމިފައިވާއިރު ސެތޫޕަތީ ދެން ފަށާނީ ވެބް ޝޯ ގެ މަސައްކަތްތަކެވެ.