އަންހެނުންގެ ޙަޤީޤީ ވާހަކަތައް ހިންދީ ސިނަމާތަކަށް ގެނެސްދިން ވަރުގަދަ އެކްޓަރ ވިދްޔާ ބާލަން އަކީ ބެލުންތެރިންގެ މަޤުބޫލުކަން ހޯދާފައިވާ އެކްޓްރެސްއެކެވެ. ދެކުނު އިންޑިއާގެ އެކްޓްރެސް ސިލްކު ސްމިތާގެ ހަޔާތުން އިންސްޕަޔަރ ވެގެން ހަދާފައިވާ ބަޔޮގްރޮފިކަލް ފިލްމު "ޑާރޓީ ޕިކްޗަރ"، ގެއްލިފައިވާ ފިރިމީހާ ހޯދަން އަންހެނަކު ކުރާ މަސައްކަތް ދައްކައިވައިދޭ ތްރިލަރ ފިލްމު "ކަހާނީ" މާ މައްޗަށް ކިޔަވާފައި ނުވާ އަންހެނަކު ވަޒީފާއެއް ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމު "ތުމާރީ ސުލޫ" އަދި ހިސާބު ޢިލްމުވެރިއެއްކަމަށްވާ ޝަކުންތަލާ ދޭވީ ގެ ޙަޔާތުގެ މައްޗަށް ކުޅެފައިވާ ބަޔޯގްރޮފިކަލް ފިލްމު "ޝަކުންތަލާ ދޭވީ" އަކީ ވިދްޔާގެ ވުމެން ސެންޓަރިކަށް ޚާއްޞަކޮށް ފާހަގަކޮށްލެވޭ ފިލްމުތަކެކެވެ.
ފިލްމު ފެއަރ އެވޯޑުން އެންމެ މޮޅު ބަޠަލާގެ އެވޯޑް ލިބިފައިވާ ވިދްޔާގެ އެންމެ ފަހުގެ ފިލްމު "ޝަކުންތަލާ ދޭވީ" އަށްފަހު އަނެއްކާވެސް އައު ފިލްމެއް ކުޅެން ވިދްޔާ ތައްޔާރުވަމުންދާކަމުގައި ބައެއް ޙަބަރުތައް ބުނެއެވެ. 2017 ވަނަ އަހަރު ދެއްކި ފިލްމު "ތުމާރީ ސުލޫ" ގެ ވެސް ޕްރޮޑިއުސަރުން ކަމުގައިވާ ކުރިޝަން ކުމާރު އަދި އަތުލް ކަސަބޭކަރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓް މިހާރުވަނީ ނިމުމުގެ މަގުމަތީގައެވެ.
45 ދުވަހަށް ޝެޑިއުލް ކޮށްގެން ނިންމުމަށް ހަމަޖެހިފައިވާ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބާއީ ސިޓީ އަދި ދެކުނު އިންޑިއާގެ ބައެއް ސަރަޙައްދުތަކުގައެވެ. ލީޑް ރޯލުން ވިދްޔާ ފެނިގެންދާނެ މި ފިލްމަކީ ހަޔާތުގެ ވާހަކަތަކަކަށް ބިނާކޮށް ހިތްވަރުގަދަ އަންހެނެއްގެ ރޯލު ދައްކުވައިދޭ ފިލްމެކެވެ.
1995 ވަނަ އަހަރު ފިލްމު "ހަމް ޕާންޗްހޭ" އިން ބޮލީވުޑަށް ތަޢާރަފްވި ތަރި ވިދްޔާއަށް ކެރިއަރުގެ ކުރީކޮޅު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ނަމަވެސް އޭގެ ފަހުން ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ މަޤުބޫލުކަން ވިދްޔާ ވަނީ ހޯދާފައެވެ. 2006 ވަނަ އަހަރު ދެއްކި ރާޖް ކުމާރީ ހިރާނީގެ ފިލްމު "ލަގޭ ރަހޯ މުންނާބާއީ" އިން އެންމެ މޮޅު އަންހެން ބަޠަލާގެ އެވޯޑް އުފުލާލުމަށްފަހު ވިދްޔާގެ ވިދުން ބޮލީވުޑްގައި ވިދާލި އެވެ.
2007 ވަނަ އަހަރު އޭނާގެ 5 ފިލްމު ވަނީ ރިލީޒް ކޮށްފައެވެ. "ހޭ ބޭބީ" "ބޫލް ބުލައްޔާ" "ޕާ" އަދި "ނޯ ވަން ކިލްޑް ޖެސިކާ" ފަދަ ފިލްމު ތަކަކީ ވިދްޔާގެ މަޝްހޫރު ފިލްމުތަކެވެ. ވިދްޔާ މިހާރު މަސައްކަތް ކުރަނީ މިއަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު "ޝޭރިނީ" އެވެ.