 
										 
										
			ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީންވާންޖެހޭ މުއްދަތު 14 ދުވަހަށް އިތުރުކޮށްފިއެވެ. 
ކަރަންޓީންވާންޖެހޭ މުއްދަތު 14 ދުވަހަށް އިތުރުކޮށްފައިވާއިރު މިއަދާ ހަމަޔަށް ކަރަންޓީންވާން ޖެހޭ މުއްދަތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ. 
ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު ބަޔާނުގައި ވިދާޅުވީ އާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން  ދަތުރުފަތުރާ ގުޅިގެން ކަރަންޓީނުކުރާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށް އަަންގާކަމަށެވެ. އަދި މި ފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށާއި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކު ރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އަންގާފައިވެއެވެ. 
އެޗްޕީއޭއިން ކަރަންޓީންގެ މުއްދަތަށް ބަދަލު ގެނެސްފައި މިވަނީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މޭލޭގެ އިތުރަށް އަތޮޅުތަކުގެ ބައެއް ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިކަމުގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު 5 ރަށެއްގައި މިހާރުވެސް ވަނީ ހަވީރު 4 އިން ފަތިހު 4 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށް ބޭރަށް ނުކުތުންވެސް މަނާކޮށްފައެވެ.