ކުޅިވަރު

ޝެޑިއުލްއާއި އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗްތައް މާލޭގައި ކުރިއަށްދާނީ


އޭއެފްސީ ކަޕްގެ ޝެޑިއުލާއި އެއްގޮތަށް މުބާރާތް ކުރިއަށް ގެންދިއުމަށް އޭއެފްސީއިން ނިންމައިފިއެވެ.
ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަކޮށްފައިވާ ގުރޫޕްގެ މެޗްތަކެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް މައްޗަށް ދިއުމާއި މާލޭގައި ކޭސްތައް އިތުރުވުމާއި ގުޅިގެން އެފްއޭއެމުންވަނީ އޭއެފްސީ ކަޕްގައި މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ގުރޫޕް ސްޓޭޖްގެ މެޗްތައް ލަސްކުރުމާބެހޭގޮތުން އޭއެފްސީ އާއި މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ރޭގައި ކުރިއަށްގެންދިޔަ މިމަޝްވަރާތަކަށްފަހު ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވާ ގުރޫޕް ޑީގެ މެޗްތައް ފަސްކުރާނެކަމަށް ހީވެގެންދިޔައެވެ. އެއީ އޭއެފްސީއިންވަނީ ހޮންގްކޮންގައި ކޯވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗްތައް ފަސްކޮށްދީފައެވެ. ނަމަވެސް އެފްއޭއެމް އާއި އޭއެފްސީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިހާރުވެސް ތާވަލް ކުރެވިފައިވާ ގޮތައް މެޗްތައް ކުރިއަށް ގެންދިއުމަށް އޭއެފްސީއިންވަނީ އެދިފައެވެ. އަދި މާލޭގެ ހާލަތު އިތުރަށް ގޯސްނުވާނަމަ މެޗްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށްވެސް އޭއެފްސީއިންވަނީ ނިންމާފައެވެ. މިމެޗްތައް މާލޭގައި ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިންވަނީ ހާއްސަ ހުއްދައެއް ދީފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެޗްޕީއޭއިން މިހުއްދަ ދެއްވަން ނިންމާފައިވަނީ އެޗްޕީއޭގެ ގައިޑްލައިންގެ އިތުރުން އޭއެފްސީގެ ގައިޑްލައިންގެވެސް ވަރުގަދަކަމުގެ ސަބަބުންކަމަށެވެ. އޭއެފްސީ އަދި އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ޓީމުތައް ހޮޓަލްގައި ކޭންޕް ކުރުމުގެ އިތުރުން ހޮޓަލަށް ވަނުމުގެ ކުރިންވެސް ޓެސްޓް ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މެޗުތައް ކުރިއަށްދާއިރު ޓީމްތަކަށް ދެވޭނީ ހޮޓަލުން ދަނޑަށް އެކަންޏެވެ. މިދިޔަ މަހުގައިވަނީ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސީޓީ ކުޅުނު މެޗް ހާއްސަ ގައިޑްލައިނެއްގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފައެވެ.