ރާއްޖޭގެ ކޯވިޑް-19ގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯސާވާތީ މިމަހު މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ލަސްކޮށްދިނުމަށް އެފްއޭއެމުން އޭއެފްސީއާއެކު މަޝްވަރާ ކުރަން ފަށައިފިއެވެ.
ކުރިން ތާވަލް ކޮށްފައިވާ ގޮތަށް ބާލާނަމަ، އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗް މިމަހުގެ 11ވަނަ ދުވަހު ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިމެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ގަދަ ބާރު ބެންގަލޫރު އެފްސީއެވެ. މިމެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސެޓޭޖުން ޖާގައެއް ލިބިގެންދާނެއެވެ.
އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 21އަށެވެ. މާލޭގައި ރެކޯޑް އަދަދަކަށް ކޯވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ގުރޫފް ސްޓޭޖްގެ މެޗްތައް މިމަހުގެ ތެރޭގައި ބޭއްވުމާއި ބެހޭގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އޮތްއިރު، ޝޯޝަލް މީޑިޔާގައިވެސް ބައެއް ފަރާތްތަކުން މިއީ މުބާރާތުގެ ކުޅުން ކުރިޔަށްގެންދަން އެންމަ ރަގަނޅު ވަގުތު ނޫންކަމަށްވެސް ބުނެފައެވެ.
As covid numbers are increasing in alarming numbers and as there are serious concerns from public @MaldivesFA is in talks with @theafcdotcom to postpone the centralized matches of @AFCCup South Asia Zone which was scheduled to be held here in Malè.@bassam_jaleeI
— Ahmed Mahloof (@AhmedMahloof) May 5, 2021
މިކަމާއި ގުޅިގެން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭއެފްސީ ކަޕްގެ މެޗްތައް ފަސްކުރުމަށް އޭއެފްސީއާއެކު އެފްއޭއެމުން މަޝްވަރާ ކުރަމުން އަންނަކަމަށެވެ. އޭއެއްސީ ކަޕްގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ކުޅުމަށް އެޗްޕީއޭއިން ހާއްސަ ހުއްދައެއް ދީފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވީ ނަމަވެސް ރޭގައި އެކަނިވެސް 700އަށް ވުރެއް ގިނަ މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަށްވެސްވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން މިރެއިން ފެށިގެން ރޭގަނޑު 9 އިން ފަތިހު 6އަކަށް ވަނީ ކާފިއު އިޢުލާންކޮށްފައެވެ.
އޭއެފްސީއިންވަނީ އެކިގައުމުތަކުގައި ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އެގައުމުތަކުގެ އެދުމުގެ މަތީން މީގެކުރިން ގުރޫޕް ސެޓޭޖްގެ މެޗްތައް ފަސްކޮށްފައެވެ. އިންޑިޔާއާއި ވާދަކޮށް ރާއްޖެއިން އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް ހޯސްޓް ކުރުމުގެ ފުރުސަތު ހޯދާފައިވާއިރު، އޭއެފްސީ ކަޕްގެ ކޮލިފައިންގައި މިދިޔަ މަހު ވަނީ ރާއްޖޭގެ ކުލަބް އީގަލްސް އާއި ބޫޓާންގެ ޗެންޕިއަން ތިންޕޫ ސިޓީގެ މެޗް މާލޭގައި ކުޅެފައެވެ. މިމެޗް ކުޅެފައިވަނީ އެޗްޕީއޭ އަދި އޭއެފްސީގެ ހާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ.