ޚަބަރު

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި


ވ. އަތޮޅު އާރަށް ވިއްކާލައިގެން ލިބުނު 1 މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލަ ތަހުޤީގު ނިންމައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލަ ފުލުހުންގެ ފަރާތުން ހުށައަޅާފައިވާކަމަށާއި އަދި ދައުވާކުރުމާއިމެދު ގޮތެއް ނިންމުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ވ. ތިނަދޫކައިރި އޮންނަ އާރަށް އަމިއްލަ ކުންފުންޏަކަށް ދީފައިވަނިކޮށް 2015 ވަނަ އަހަރު އެރަށްވަނީ އެއަތޮޅު ފެލިދޫ ކައުންސިލާ ހަވާލުކޮށްފައެވެ. އަދި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީކުރުމަށް ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާވަނީ ފަހުން ހަވާލުކޮށްފައެވެ. އަދި އޭގެ ފަހުންވަނީ އެރަށް ބޭރުގެ ކުންފުންޏަކަށް ވިއްކާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި މިމައްސަލައިގައި ހިމެނޭ ރަށް ވިއްކައިގެން ލިބުނު ފައިސާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ތަހުޤީގުގެ ތެރެއިންނެވެ.

އެއްމިލިޔަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި މިވަނީ މަނީލޯންޑަރިންގެ ކުށް ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް 2019 ވަނަ އަހަރު 5 އަހަރުގެ ޖަލު ހުކުމެއް އިއްވައި އެޙުކުން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށެވެ.
ދަށުކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އެމައްސަލަ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.

މީގެ އިތުރުން ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.