ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ. 
ނިޔާވެފައިވަނީ ހާލުބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔަ އުމުރުން 39 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ.  މިއާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަަދަދުވަނީ 74 އަށް އިތުރުވެފައެވެ. މީގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 10 ބިދޭސީންނެވެ.
ރާއްޖެއިން އެންމެ ފަހުން މިބަލީގައި މީހަކު ނިޔާވާ މިމަހުގެ 28 ވަނަ ދުވަހުގައެވެ. އެދުވަހު ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނަކުވަނީ ނިޔާވެފައެވެ. 
ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުދާވަރަށް މައްޗަށް ގޮސްފައެވެ. އެގޮތުން  ޕޮޒިޓިވްވާ މީހުންގެ އަދަދު 400 އިން މަތީގައި ހުންނައިރު މިއަދުވެސް ވަނީ 402 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. 
މިއާއެކު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 5221 އަރާފައެވެ. އަދި ހޮސްޕިޓަލުގައި 161 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. މިހާތަނަށް ރާއްޖެއިން 30237 މީހަކަށް ވަނީ ކޯވިޑް ޖެހިފައެވެ. 
މީގެ ކުރިން ކޯވިޑްގެ ޙާލަތު އެންމެ ގޯސްކޮށް އޮތީ މާލެ ސަރަޙައްދުގައި ނަމަވެސް މިހާރު އަތޮޅުތަކުންވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އަންނަނީ ވަރަށްބޮޑަށް އިތުރުވަމުންނެވެ. މީގެތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަން އެޗްޕީއޭގެ ތަފާސްހިސާބުންތަކުން ދައްކައެވެ.