ރާއްޖެއިން އިތުރު 253 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެޑްމިޓެކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު އިތުރުވެއްޖެއެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 253 މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން 147 މީހުން ޕޮޒިޓިވް ވެފައިވާއިރު ރަށްރަށުން ޕޮޒިޓިވްވީ 35 މީހުންނެވެ. އަދި ރިސޯޓުތަކުން ވަނީ 31 މީހަކު ޕޮޒިޓިވްވެފައެވެ. ސިނާޢީ ރަށްރަށުންވެސް 41 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 27،874އަށް އިތުރުވެފައެވެ.
ރާއްޖޭގައި ކޯވިޑް-19އަށް އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ސަތޭކައިން ދަށުގައި ހުރުމަށްފަހު އެޢަދަދު މިހާރު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިދެދުވަހު އެއަދަދު ސަތޭކައިން މަތިވެ މިހާރު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 123އެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 75 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 24،309 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 3485 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3549 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 71 މީހަކު ވަނީ ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.